Advertisement
ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 13:04
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ
ރައީސް އޮފީސް
ކަރީމްބެ އަވަހާރަވުން
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
ކަރީމްބެ އަވަހާރަވީ 80 އަހަރުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވުމަށްފަހު 16 ޖުލައި 2025 ގައި
މައްޔިތާއަށް ޒިޔާރަތް ކުރުން އޮންނާނީ މިއަދު 15:00 އާ ހަމައަށް އާސަހަރާގައި
ކަރީމްބެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ހ.ސެންޓާލަމް/ އަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވެއްޖެއެވެ.

ކަރީމްބެ އަވަހާރަވީ 80 އަހަރުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވުމަށްފަހު 16 ޖުލައި 2025 ގައެވެ. ކަރީމްބެގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

މައްޔިތާއަށް ޒިޔާރަތް ކުރުން އޮންނާނީ މިއަދު 15:00 އާ ހަމައަށް އާސަހަރާގައެވެ.

ކަރީމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ. އަދި އުމުރުން 65 އަހަރުވެގެން 16 ޖުލައި 2009 ގައި ރިޓަޔާ ކުރައްވަންދެން ވެސް ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ދާއިރާގައެވެ. އޭރު ކަރީމްބެ ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

47 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ދާއިރާގައި ހިދުމަތް ކުރެއްވިއިރު، ކަރީމްބެ ދައުލަތަށް ކޮށްދެވި މަސައްކަތްޕުޅު އަގުވަޒަންކޮށް 2023 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ސަރުކާރުން ދެއްވާފައެވެ.

ކަރީމްބެއަކީ، ޓީބީއާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރި މީހުން އެކަހެރިކޮށް، އެ މީހުންނަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ވެސް ވަނީ ކުރައްވައިފައެވެ.

މީގެ އިތުރުން ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ކަރީމްބެ އަކީ ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް އިރެއްގައި މައްސަލައެއް ޖެހިފައިނުވާ ބޭފުޅެކެވެ. އޭނާއަކީ، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު، ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދެވި އަދި ބަލިމީހުންނަށް އޯގާތެރިކަމާއެކު ޚިދުމަތް ދެއްވި، އަދި މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ނަމޫނާ ޝަޚްސިއްޔަތެއް ކަމަށެވެ.

- ކޮމެންޓް