އިސްރާއީލް އިން ފަލަޞްޠީނުގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ފަލަޞްޠީނުގެ މައްސަލައާ ބެހޭ ގޮތުން އެއްވެސް މީހެއްގެ އަތް ސާފު ނުވާނެ ކަމަށް، އދ ގެ ޚާއްސަ ރެފައުޓާ ފްރާންސެސްކާ އަލްބަނީސް ވިދާޅުވެއްޖެ އެވެ.
އަލްބަނީސް މިހެން ވިދާޅުވީ އިސްރާއީލް އިން ޣަައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރުމަށް ކޮލަމްބިއާގައި ދެ ދުވަހުގެ މުއްދަތަކަަށް ކުރިއަސް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްބަނީސް ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އެ ޤައުމާ އެކު ހުރިހާ ގުޅުމެއް ކަނޑާލަން ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ގޮވާލާ ކަމަށެވެ.
އިޓަލީ އަށް ނިސްބަތްވާ އަލްބަނީސް ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ކެމްޕެއިނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޤައުމުތަކުން އިސްރާއީލާ އެކު ހަތިޔާރުގެ ވިޔަފާރި އާއި އެހެނިހެން ގުޅުންތައް މެދު ކަނޑާލުމަށް ވެސް އަލްބަނީސް ވަނީ ގޮވާލައްވައިފަ އެވެ. އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިކަމުން އަންނަ އެމެރިކާ އިން ވަނީ އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އިސްރާއީލާ ދެކޮޅަށް އަލްބަނީސް ދައްކަވަމުން އަންނަ ވާހަކަތަކާ ގުޅިގެން، ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ވަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށް، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފަ އެވެ. އަދި އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމުމުން، އެކަމާ ދެކޮޅަށް ވެސް ގިނަ ޖަމިއްޔާތަކުން ވަނީ ތެދުވެފަ އެވެ.
އަލްބަނީސްއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމުމާ އެކު، އޭނާ ވިދާޅުވީ ޢަދުލު އިންސާފުގެ މަގުގައި ޚަރުދަނާކަމާ އެކު ދެމި ހުންނާނެ ކަމަށެވެ. އަދި އެމެރިކާގެ އެ ނިންމުމަކީ މާފިޔަ ސްޓައިލްގެ ބިއްރު ދެއްކުމުގެ އުކުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.