ށ.މިލަންދޫ ސިއްހީ މަރުކަޒުގައި ބަހައްޓަން ގެނެސްފައިވާ އެކްސްރޭ މެޝިންގައި ސަތަރިއަޅައި ބޭރުގައި ބައްޓާފައި ހުންނަތާ ގާތްގަނޑަކަށް 5 މަސްވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
އެކްސްރޭ މެޝިން ބާއްވާފައި އޮތީ މަތި ނިވާވާ ގޮތަށް ޓިނު ޖަހާފައި އޮތް ތަނެއްގައެވެ. ދެ ފަރާތުން ހާމައަށް އޮތްއިރު، އެކްސްރޭ މެޝިން ވަށައި ހުދު ސަތަރިއަޅާ ވަނީ ބަންދުކޮށްފައެވެ. އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކުރެއެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާ ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި، އެކްސްރޭގެ ޚިދުމަތަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށެވެ.
އެރަށަށް ގެނެސްފައިވާ އެކްސްރޭ މެޝިންއަކީ ށ.ފުނަދޫ ހޮސްޕިޓަލް ބޭރުގައި ވަރަށް ދުވަހު ބާއްވާފައި އޮތް އެކްސްރޭ މެޝިނެއް ކަމަށާއި، އެއީ ބޭނުން ކުރެވޭ ފެންވަރުގެ އެއްޗެއް ކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެޝިން މިލަންދޫއަށް ގެނެސް ބާއްވާފައި އޮންނަތާ ގާތްގަނޑަކަށް 5 މަސްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފުނަދޫގެ ހޮސްޕިޓަލްގެ ދެ ބައި އިންނާނެ. އެއީ ބޮޑު ކުރި ބަޔާއި ހޮސްޕިޓަލްގެ ކުރީގެ ބައި. އެ ދޭތެރޭގައި ގާތްގަނޑަކަށް ބުނަންޏާ ދެ އަހަރު ތިން އަހަރު ވަންދެން ބާއްވަބާއްވާފައި ސަތަރި އައު ކޮށްލަ ކޮށްލާފައި އެ ގޮތަށް ބާއްވާފައި އޮތް އެއްޗެއް. އޭތި މިތަނަށް ގެނައީމަ އަޅުގަނޑުމެން މި ބުނިން ކީއްކުރަން މިތަނަށް ގެނައި އެއްޗެއްހޭ. ތިއީ ފޮނަދޫ ދެ ހޮސްޕިޓަލް ދޭތެރޭގައި ބައިންދާފައި ހުރި އެއްޗެކޭ. ބޭނުންނުކުރެވޭތީއެއްނުންހޭ ބައިންދާފައި އޮތީ. ދެން މިތަނަށް ގެނެސްފައި ބާއްވާފައި.
މިލަންދޫ ކައުންސިލް މެންބަރު އަހުމަދު ޝިޔާމް![]()
އެރަށުގެ ރައްޔިތުން މައުލޫމާތުދޭ ގޮތުގައި އެކްސްރޭ މެޝިން ބެހެއްޓުމަށް އެރަށަށް ދިޔަ ޓީމް މިހާރު ވަނީ ފުރައިގެން ގޮސްފައެވެ. ސިއްހީ ޚިދުމަތްތެރިންނާ ހަވާލާދީ މިފަދަ ތަނެއްގައި މިމެޝިން ނުބެހެއްޓޭނެ ކަމަށާއި ރައްކާތެރި ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނާޒިމްއާ ސުވާލުކުރި ނަމަވެސް ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.