ކ. މާލެ
|
16 ޖުލައި 2025 | ބުދަ 22:43
އިސްރާއީލުގެ ގިނަ ވައިގެ ހަމަލާތަކަށް ފަހު ދިމިޝްގުގެ އިމާރާތަކަށް ލިބުނު ގެއްލުމުގެ މަންޒަރެއް - 16 ޖުލައި 2025
އިސްރާއީލުގެ ގިނަ ވައިގެ ހަމަލާތަކަށް ފަހު ދިމިޝްގުގެ އިމާރާތަކަށް ލިބުނު ގެއްލުމުގެ މަންޒަރެއް - 16 ޖުލައި 2025
އަނަދޮލޫ
އިސްރާއީލް-ސީރިޔާ ހަމަނުޖެހުން
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި
މިހާރު، ދިމިޝްޤަށް ދެމުންދާ މި ވައިގެ ޙަމަލާތަކާ ގުޅިގެން، އިސްރާއީލުގެ އޮފިޝަލުން ބުނަމުން ދަނީ އެމީހުން ބޭނުންވަނީ ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ ޢަށް މެސެޖެއް ދިނުމެވެ. އެއީ ޑްރޫޒުންނާ ދެކޮޅަށް އެއްވެސް އަނިޔާވެރިކަމެއް ހިންގާ ކަމަށް ވާނަމަ އެކަން ބަލައި ނުގަންނާނެ ކަމުގެ މެސެޖް ކަމަށް އިސްރާއީލުން ބުނޭ

ސީރިޔާ ގެ ރައީސް އަހްމަދު އަލް ޝަރާ އާ އެކު އޮތް ހަމަ އެކަނި ހައްލަކީ އޭނާ "ނައްތާލުން" ކަމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން ގްވީރު ވިދާޅުވެއްޖެ އެވެ.

"ސީރިޔާ އިން ފެންނަ ބިރުވެރި މަންޒަރުތަކުން ސާބިތުވަނީ އެއްކަމެއް: އެއްފަހަރު ޖިހާދީއަކަށް ވެއްޖެ ނަމަ، އެއީ އަބަދުވެސް ޖިހާދީ އެކެވެ. މީހުން މަރާ، ގަދަކަމުން މީހުންގެ ތުނބުޅި ބާލާ، ނިކަމެތިކޮށް، އަދި ރޭޕްކުރާ މީހުންނާ މަޝްވަރާކޮށްގެން ނުވާނެއެވެ،" ބެން-ގްވީރު އެކްސްގައި ވިދާޅުވިއެވެ.

"އަހަރެން އިސްރާއީލު ދައުލަތުގެ ފަރާތުން ދުރޫޒު ރައްޔިތުން ދެކެ ލޯބިވަމެވެ، އަދި އެމީހުންނަށް ހޫނު މަރުހަބާ އެއް ކިޔަމެވެ، އަދި އެމީހުން ކައިރީ ބުނަމެވެ: އަހަރެމެން ހަރުފައިގެ ބޯ ކަނޑާލަން ޖެހޭނެއެވެ،" އޭނާ އިތުރު ކުރެއްވިއެވެ.

ބެން-ގްވީރު އަކީ ޔަހޫދީ ޓެރަރިސްޓު ޖަމާޢަތަކަށް އެެހީތެރިވުމުގެ ކުށާއި އަރަބިން ގެ އިތުރުން ޔަހޫދީ ނޫން މީހުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ.

ދުރޫޒް ދަރިކޮޅު ދިރިއުޅޭ ސުވެއިދާ ގައި ސީރިޔާގެ ސަރުކާރު ސިފައިންނާ ދުރޫޒް ހަނގުރާމަ ވެރިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ތެރެއަށް އިސްރާއީލުން ވަދެ ވެރިރަށް ދިމިޝްގަށް ބޮން އަޅާފައިވާ އިރު، ސީރިޔާ ސަރުކާރުން މައްސަލަ ފިނިކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ސޫރިޔާގެ ދާޚިލީ ވުޒާރާ އިން އަލް ޖަޒީރާ އަށް ކަށަވަރު ކޮށްދީފައި ވަނީ ސުވައިދާގައިވާ ދުރޫޒު ގްރޫޕް ތަކާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް މިހާރު ވާސިލުވެފައިވާ ކަމަށެވެ. މި ގްރޫޕް ތަކުން ސީރިޔާ ގެ މައި ސަރުކާރާ އެކު މުއާމަލާތް ކުރަން ތައްޔާރަށް ތިބި ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ވެއެވެ.

ސީރިޔާގެ ދާޚިލީ ވުޒާރާގެ ބަހުން، މި އެއްބަސްވުމުގެ ދަށުން ސަރުކާރު ސިފައިން އެ ސަރަހައްދުގައި ގާއިމު ތިބުން ހިމެނެއެވެ. ސީރިޔާ ސިފައިން އެ ސަރަހައްދުގައި ޗެކްޕޮއިންޓްތައް ޤާއިމު ކުރުމާއެކު އަދި މި ސަރަހައްދު ސީރިޔާ ގެ ދައުލަތުގެ ތެރެއަށް ފުރިހަމަ އަށް އެއްކޮށްލެވޭނެ ކަމަށް ބުނެފައިވެއެވެ.

އަލް ޖަޒީރާ އިން ބުނެފައި ވަނީ ސީރިޔާ ސަރުކާރުގެ ބާރުތަކުން ސުވެއިދާ ގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ.

މި އެއްބަސްވުމަށް އިސްރާއީލުން އިޖާބަ ދޭނެ ގޮތެއް އަދި ނޭގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު ނޫސްވެރިންނަށް ދިން ބްރީފިންގެއްގައި ބުނެފައިވަނީ ޣައްޒާ ގައި ތިބި ބައެއް ސިފައިން ސީރިޔާގެ ބޯޑަރު ސަރަހައްދަށް ފޮނުވުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ އުތުރު ސަރަހައްދުގެ ކޮމާންޑުގެ ކޮމާންޑަރު އޯރީ ގޯޑިން ބުނެފައި ވަނީ އިސްރާއީލުގެ ބާރުތަކުން ސުވައިދާ ސަރަޙައްދު ގައި ނަތީޖާ ފެންނަ ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

"އަހަރެމެން ޕްރެޝަރު އިތުރުކޮށް ޙަމަލާތަކުގެ ބާރުު އިތުރު ކުރަމުން މިދަނީ. އަދި އަހަރެމެން ދިމިޝްގަށް ވެސް ޙަމަލާތައް ދީފައިވާނެ އަދި ދެކުނު ސީރިޔާ ގެ އެކި ސަރަޙައްދު ތަކަށް ޙަމަލާ ދިނުން ކުރިއަށް ގެންދާނަން،" އޭނާ އިތުރަށް ބުންޏެވެ.

ބުދަ ދުވަހު އިސްރާއީލުން ވަނީ ދިމިޝްގު ގައި ހުންނަ ސީރީޔާ ސަރުކާރުގެ އަސްކަރީ މައި މަރުކަޒަށް ބޮން އަޅާފައެވެ.

ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އޭނާގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވެސް ހިމެނޭ ގޮތުން، އިސްރާއީލުގެ އޮފިޝަލުންގެ ވާހަކަ ތަކުގައި، އިސްރާއީލުން ސީރިޔާ އަށް ހަމަލާ ދެނީ ދުރޫޒް ކޮމިއުނިޓީ ހިމާޔަތް ކުރުމަށެވެ.

އޭގެ އިތުރުން ތަޖުރިބާކާރުން ބުނާ ގޮތުގައި އިސްރާއީލުން ބޭނުން ވަނީ ސީރިޔާގެ ދެކުނުގައި، އެމީހުންގެ ސަރަޙައްދީ އިން ކައިރީގައިވާ މި ސަރަޙައްދު ހަތިޔާރު މުޅިން ނެތް ސަރަޙައްދަކަށް ހެދުމެވެ.

2024 ގެ ފަހުކޮޅާއި 2025 ގެ ކުރީކޮޅުގައި ބައްޝާރް އަލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އިސްރާއީލުން މި ސަރަހައްދަށް ވަރަށް ބޮޑެތި އަދި ގަދަފަދަ ވައިގެ ޙަމަލާތަކެއް ދިނެވެ. އެއީ ސަރަހައްދުގައި ހުރި ހުރިހާ ބާވަތެއްގެ ސިފައިންގެ މަރުކަޒުތަކަށާއި، ސިފައިންގެ ހަތިޔާރު ނައްތާލުމަށެވެ. އެއީ ސީރިޔާގެ ބާރުތަކަށް ކުރިމަގުގައި އަސްކަރީ ގޮތުން ބޭނުން ކުރެވިދާނެ ހުރިހާ ވަސީލަތްތަކެއް ނައްތާލުމުގެ ބޭނުމުގައެވެ. އިސްރާއީލުގެ ސަރަހައްދީ އިމުގެ ކައިރީގައި ސީރިޔާގެ އެއްވެސް އަސްކަރީ ބާރެއް ގާއިމުވެފައި އޮންނާކަށް އިސްރާއީލުން ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ.

މިހާރު، ދިމިޝްޤަށް ދެމުންދާ މި ވައިގެ ޙަމަލާތަކާ ގުޅިގެން، އިސްރާއީލުގެ އޮފިޝަލުން ބުނަމުން ދަނީ އެމީހުން ބޭނުންވަނީ ސީރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ ޢަށް މެސެޖެއް ދިނުމެވެ. އެއީ ޑްރޫޒުންނާ ދެކޮޅަށް އެއްވެސް އަނިޔާވެރިކަމެއް ހިންގާ ކަމަށް ވާނަމަ އެކަން ބަލައި ނުގަންނާނެ ކަމުގެ މެސެޖެވެ.

- ކޮމެންޓް