ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދުތަކެއް ބޭ އޮފް ބެންގާލްއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވަގަށް ހަރަކާތްތެރިވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ޗައިނާގެ ރިސާޗް އުޅަނދެއް މިދިޔަ މަހު ބޭ އޮފް ބެންގާލުގައި ސިއްރުން އޮޕަރޭޓް ކޮށްފައިވާ ކަމަށާއި، އިންޑިއާގެ ކަނޑުގެ ސަރަހައްދުތަކާ ކައިރިން ދަތުރުކުރީ އެ އުޅަނދެއް އޮތް ތަން ބްރޯޑްކާސްޓް ނުކޮށް ކަމަށެވެ.
ފްރާންސްގެ ސެޓެލައިޓް އިންޓެލިޖެންސް ކުންފުނި އަންސީންލެބްސް އިން ހޯދި މި އުޅަނދު އިންޑިއާގެ އިރުމަތީ އައްސޭރިފަށުން ގާތްގަނޑަކަށް 120 ނޯޓިކަލް މޭލު ދުރުގައި - ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކާއި ސަބްމެރިން ހަރަކާތްތައް މޮނިޓަރ ކުރެވޭ ވަރަށް ކައިރިން އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އިން ބޭރުގައި - އޮޕަރޭޓް ކުރަމުން ދިޔަތަން ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ބޯޓުން ވަނީ ޓްރެކިން އިން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކުރާ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ނިއްވާލާފަ އެވެ. ދަ އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންސީންލެބްސް އިން ވަނީ ސެޓެލައިޓް ބެސްޓް ރޭޑިއޯ ފްރީކުއެންސީ (އާރުއެފް) އިން ދޫކުރާ ތަކެތި ބޭނުންކޮށްގެން 16 ދުވަހުގެ ސާވޭއެއްގެ ތެރެއިން އެ އުޅަނދު ޓްރެކްކޮށްފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އެ މުއްދަތުގައި މޮނިޓަރ ކުރި 1،897 ބޯޓުގެ ތެރެއިން ޗައިނާގެ އުޅަނދު ހިމެނޭ ގޮތަށް ގާތްގަނޑަކަށް 9.6 ޕަސެންޓް ބޯޓު އޭއައިއެސްގެ ސިގްނަލްތަކާ ނުލައި އޮޕަރޭޓް ކުރަމުން ދިޔަތަން ފެނިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ޗައިނާގެ އެއް އުޅަނދަކަށް ޚާއްސަ ސަމާލުކަމެއް ލިބުނީ އެ އުޅަނދުގެ އާރްއެފް ސޮއި އެއްގޮތަކަށް ހުރުމާއި، ދާދި ފަހުން އިންޑިއާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވާ ސަރަހައްދުތަކުގެ ކައިރީގައި ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އަންސީންލެބްސް އިން ބުނީ އޭއައިއެސް ބްރޯޑްކާސްޓް ނުކުރާއިރު، އޭގެ އާރްއެފް ސޮއި އެއްގޮތްވެ، ޓްރޭސް ކުރެވޭ ގޮތަށް ހުރުމުން، އެ ފާމްގެ ސިސްޓަމްތަކަށް އޭގެ ހަރަކާތްތައް އެތައް ދުވަހެއް ވަންދެން މޮނިޓަރ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޝައްކުކުރެވެނީ، ޗައިނާގެ ދިރާސާ އުޅަނދު އޮޕަރޭޓް ކުރަމުން ދިޔައީ ސްޓްރެޓެޖިކް ނިޔަތެއްގައި ކަމަށް ވެސް އެ ފާމްއިން ވަނީ ބުނެފައެވެ.
ސެޓެލައިޓް ޑޭޓާއިން ދައްކާ ގޮތުގައި އެ އުޅަނދަކީ ކަނޑުގެ ބިންގަނޑު މެޕިން ކުރުމާއި އެކޮސްޓިކް އެންވަޔަރަންމަންޓް އެނަލިސިސް ކުރުމާއި ސަބްމެރިން ޓްރާންސިޓް ކޯރިޑޯތައް ދެނެގަތުން ފަދަ ހަރަކާތްތަކުގައި ހަރަކާތްތެރިވި އުޅަނދެކެވެ. މި ހަރަކާތްތަކަކީ އޯޝަނޮގްރަފިކް ރިސާޗްތަކުގައި އާންމު ކަމެއް ނޫން ނަމަވެސް ޑިފެންސް އޮފިޝަލުން ބުނާ ގޮތުގައި މިފަދަ ޑޭޓާއަކީ ސިވިލް އަދި އަސްކަރީ އޮޕަރޭޝަންތަކަށް ވެސް ސަޕޯޓްކުރާ ޑައުއަލް ޔޫސް ޑޭޓާއަކަށް ވެދާނެ އެވެ.
ޚާއްޞަކޮށް ކަނޑުގެ ބިމުގެ ޑޭޓާއާއި އެކޮސްޓިކް ޕްރޮފައިލިންގ އަކީ އެންޓި ސަބްމެރިން ވާފެއާ (އޭއެސްޑަބްލިއު) އަށް މުހިންމު އިންޕުޓްތަކެއް ކަމުން، ނޭވީތަކަށް ސަބްމެރިންތައް ހޯދުމާއި، ޓްރެކްކުރުމާއި، ފޮރުވުމުގެ ފުރުޞަތު މާ ފައިދާހުރި ގޮތެއްގައި ލިބިގެންދެއެވެ. އިންޑިއާގެ މިސައިލް ޓެސްޓިން ރޭންޖްތަކާއި ވިސާކަޕަޓްނަމްގައި ހުންނަ އިރުމަތީ ނޭވަލް ކޮމާންޑް ބޭސް ކައިރީގައި ހުރުމުން ޝައްކު އިތުރުވާ ކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މިއީ ޗައިނާގެ ދިރާސާ އުޅަނދެއް މިގޮތަށް ހަރަކާތްތެރިވި ފުރަތަމަ ފަހަރެއް ނޫނެވެ. މާޗް 2024 ގައި ޒިއަން ޔަންގ ހޮންގ 01 އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެފައިވާ އިރު، 2024 ވަނަ އަހަރުގެ މެދުތެރޭގައި ޒިއަން ޔަންގ ހޮންގ 03 ބޯޓު އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެފައިވާއިރު މި އަހަރުގެ ކުރީކޮޅު ޒިއަން ޔަންގ ހޮންގ 01 އެންޑަމަން އަދި ނިކޯބަރ އައިލެންޑް ކައިރީގައި ހަރަކާތްތެރިވެފައިވެއެވެ.