Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 18:58
އޮޅުވާލައިގެން ޒަމްޒަމް ފެން ކިއްކާ މައްސަލަ: އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އިސްކުރު ފެން ވިއްކާ ކަމަށް ބެލެވޭ މައްސަލަ ފުލުހުން އަންނަނީ ބަލަމުން
އޮޅުވާލައިގެން ޒަމްޒަމް ފެން ކިއްކާ މައްސަލަ: އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އިސްކުރު ފެން ވިއްކާ ކަމަށް ބެލެވޭ މައްސަލަ ފުލުހުން އަންނަނީ ބަލަމުން
އެމްވީކްރައިސިސް
ޒަމްޒަމް ފެން
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކަށް ގުޅައިގެން އަންނަނީ ސާފުކުރަމުން
މި ފެން ބަންދު ކުރާކަމުގެ ރިޕޯތުތައް ލިބިފައިވަނީ ޔޫއޭއީގައި

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކާ ކަމަށް ބެލެވޭ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަޔަކު ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ. ޒަމްޒަމް ފެން ބަންދުކޮށްފައި ހުންނަ ލޭބަލް ޖެހި ފުޅީގައި ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން އަޅައިގެން ބަންދު ކުރަނީ ޔޫއޭއީ ގައެވެ.

ޔޫއޭއީގައި ބަންދުކޮށްގެން އެ ފެން ރާއްޖެ ގެނެސް ބަޔަކު ދަނީ ވިއްކަމުންނެވެ. ސާމާނު ނަމަކަށް ކިޔާ ޕޭޖެއް ހަދައިގެން، އެ ޕޭޖް މެދުވެރިކޮށް، މިފެން ވިއްކުމަށް މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެ ޕޭޖުގައިވާ ގޮތުން ފެން ފުޅިއެއް ވިއްކަނީ 550 ރުފިޔާ އަށެވެ. އެ ފެން ވިއްކަން ހަދާފައިވާ ޕޭޖުގައި ފެން ގަންނަން ބޭނުންވާ މީހުން ގުޅާނެ ނަންބަރެއް ވެސް ވަނީ ހިމަނާފަ އެވެ.

އަދި މާލެ، ހުޅުމާލޭގެ އިތުރުން ބޯޓުތަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭ ކަމަށް އެ ޕޭޖުގައި ޖަހާފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮރިޖިނަލް ޒަމްޒަމް ފެންކަމަށް ބުނެ، އިސްކުރު ފެން ބަންދުކޮށް، އޮޅުވާލައިގެން އެކަން ކުރާ ޔޫއޭއީގެ ކުންފުނީގެ މަސައްކަތް އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ހުއްޓުވާފަ އެވެ. އަދި މިކަން ކުރަމުން ގެންދިއަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުދަ ދުވަހު ބުނީ އެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ކަމުން ކަމާއި ގުޅުންހުރި ފަރާތްތަކަށާއި އިދާރާތަކަށް ގުޅައިގެން މައުލޫމާތު ހޯދައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ޒަމްޒަމް ފެނުގެ ވިޔަފާރި ނުގަވައިދުން ހިންގުމާއި އެ ނޫން ސަބަބުތަކާއި ގުޅިގެން ޒަމްޒަަމް ފެން ބޭރުކުރުން ސައުދީން އޮންނަނީ ވަރަށް ހަރުދަނާ އުސޫލެއްގެ ތެރޭގައި ހިފަހައްޓާފަ އެވެ.

ޒަމްޒަމްފެނަކީ ބިންމަތީގައިވާ އެންމެ ރަނގަޅު އަދި އެންމެ ބަރަކާތްތެރި ފެނެވެ. އަދި އެއީ އިންސާނާގެ ހައްޓަށާއި މަޢްނަވިއްޔަތަށް އެންމެ މަންފާކުރަނިވި ފެނެވެ.

- ކޮމެންޓް