އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ކޮންމެ ދުވަހަކު ޣައްޒާގެ 10 ކުދިންގެ ފައި "ގެއްލޭ" ކަމަށް އދ ގެ އިންސާނީ ހައްގުތަކުގެ އޮފީހުން ބުނެފި އެވެ.
އދ ގެ އިންސާނީ ހައްގުތަކުގެ އޮފީހުން ހާމަ ކުރި މައުލޫމާތުގައި ވާގޮތުން، ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކޮންމެ ދުވަހަކު 10 ކުދިން، އެ ކުދިންގެ އެއް ފައި ނުވަތަ ދެ ފައި "ގެއްލޭ" ކަމަށެވެ.
އެ އޮފީހުން ސޯޝަލް މީޑިއާ ގައި އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް ޖުމުލަ 134،105 މީހުންނަށް ޣައްޒާ ހަނގުރާމައާ ގުޅިގެން ވަނީ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި 40،500 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައުލޫމާތުގައި ބުނެފައި ވަނީ ހަނގުރާމައިގައި ބޭނުން ކުރާ ބޮޑެތި ހަތިޔާރު ތަކުގެ ގަދަ އަޑު އިވުމުގެ ސަބަބުން، 35،000 އަށް ވުރެ ގިނަ މީހުންގެ އަޑު އިވުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޣައްޒާގައި ދެމިގެންދާ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތި ވަމުންދާ ގެއްލުންތައް އިތުރުވަމުން ދާ ކަމަށް އދ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ މުހިންމުކަން ބައިނަލްއަްޤުވާމީ މުޖުތަމައުން އަންނަނީ ފާހަގަ ކުރަމުންނެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެތައް ބަޔަކަށް އަމާޒުކޮށް ހަމަލާ ދެމުން އަންނައިރު، އެތައް ބައިވަރު ކުޑަ ކުދިންނެއް ވެސް އަންނަނީ ޝަހީދު ކުރަމުންނެވެ.