ކ. މާލެ
|
16 ޖުލައި 2025 | ބުދަ 13:05
އިނގިރޭސިވިލާތަށް ފުރައިވަޑައިގެންވުމުގެ ކުރިން ރައީސް މުޢިއްޒު، ނައިބު ރައީސްއާ ސަލާމް ކުރައްވަނީ
އިނގިރޭސިވިލާތަށް ފުރައިވަޑައިގެންވުމުގެ ކުރިން ރައީސް މުޢިއްޒު، ނައިބު ރައީސްއާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ފޯރިއެއް އެބަ ހުރިތާ!
އަޅުގަނޑު ހިތަށް އަރަ އެވެ. ރައްޔިތުންގެ ތެރެއިން ލައްކަ އަަކަށް ވުރެ ގިނަ މީހުން ނިކުމެ ރައީސް މުޢިއްޒުއާ ހަވާލު ކުރީ ވެރިކަންތޯ އެވެ؟ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދުމުގެ ޒިންމާތޯ އެވެ؟ ނުވަތަ، ނަން ދެއްވާފައި އޮތިއްޔާ އޮތް ޤައުމަކަށް ވަޑައިގެންނެވުމުގެ ޓިކެޓެއްބާ އެވެ؟

ފުރައިވަޑައިގެންފި އެވެ. އަނެއްކާ ވެސް އިނގިރޭސިވިލާތަށެވެ. ފުރާވަޑައިގަންނަވަމުން ހާމަ ކުރެއްވީ، މަތީ ފަންތީގެ މަޝްވަރާތަކަށް ވަޑައިގަންނަވަނީ ކަމަށެވެ. މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ވެސް ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެވެ. އަރިހުގައި ސަރުކާރުގެ ގިނަ ވަޒީރުން ހިމެނޭހެން، ބޮޑު ވަފުދަކާ އެކު ވަޑައިގެންނެވީ ލިވަޕޫލް ފުޓުބޯޅަ ކުލަބާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ފެއްޓެވުމަށެވެ.

މީގެ ކުރިން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ވެސް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންކަމުން މިއީ، 2023 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވި ފަހުން، ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް އެކަނި ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.

ވެރިކަމުގައި މި ފާއިތުވި ގާތް ގަނޑަކަށް 20 މަސް ދުވަހުގެ ތެރޭގައި، މިއީ ރައީސް މުޢިއްޒު ކުރައްވާ ފުރަމާނަ 24 ވަނަ ދަތުރުފުޅެވެ. މަހަކު ޤައުމަކަށް ވުރެ ގިނަ ދަތުރު ކުރައްވައިފި އެވެ. އެކި ފަހަރު އެކި ޤައުމުތަކަށެވެ. ބައެއް ޤައުމުތަކަށް ދެ ފަހަރަށް ވެސް ވަޑައިގަންނަވަނީ އެވެ.

އެކަމަކު، މިއިން ދަތުރުފުޅަކުން އަޅުގަނޑުމެންގެ ރާއްޖެ އަށް ލިބުނު ފައިދާއެއް ނެތެވެ. ރައްޔިތަކަށް ވީ ކަމެއް ނެތް ތަނުގައި، އެއިން ޤައުމަކުން ގެނެވުނު ޑޮލަރު ގަނޑެއްހާ ހިސާބު ވެސް ނެތެވެ. ތަރައްޤީގެ ބޮޑު ޕްރޮޖެކްޓެއް، ނުވަތަ ތަރައްޤީގެ އައު ވިސްނުންތަކެއް ނެތެވެ. ހަމަ އެކަނި އޮތްހާ ވެސް ކަމަކީ، ޤައުމުތަކުގެ ތަން ތަނަށް ވަޑައިގެން ސައިޓް ސީންތައް ހެއްދެވުމެވެ.

އަޅުގަނޑު ހިތަށް އެރި އެވެ. ޤައިމު އަވަށްޓެރި ޤައުމުތަކުގައި ވެސް ރައީސުން އެބަ ތިއްބެވި އެވެ. އަވަށްޓެރި ސްރީ ލަންކާގައި ވެސް ރައީސަކު އެބަ ހުންނެވި އެވެ. ގައިމު ސްރީ ލަންކާގެ ރައީސް މިހާތަނަށް ކުރެއްވީ ރަސްމީ އެންމެ ފަސް ދަތުރުފުޅެވެ. ކޮންމެ ޤައުމަކަށް ވަޑައިގެންނެވި ނަމަވެސް، އެނބުރި ލަންކާ އަށް އަންނަނީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާ އެކު އެވެ.

އެކަމަކު، ޤައުމުތަކަށް ވަޑައިގެން ރައީސް މުޢިއްޒު އަށް ހަމައެކަނި ގެނެވެނީ ފޮށި ތަންމަތި އެކަންޏެވެ. އިތުރަށް ގެނެވުނު ހަމަ އެކައްޗެއް ވެސް ނެތެވެ. ދަތުރުފުޅުތަކުގައި ބައިވެރިވެ ވަޑައިގެން ވަޒީރު މުޙައްމަދު ސައީދުމެން، ވަޒީރު ޢަބްދުﷲ ޚަލީލްމެން، ވަޒީރު މޫސާ ޒަމީރުމެން ކަނޑުއްވަނީ ހުސް ފޮނި ބައިސާ އެވެ. މޮޅެތި ވާހަކަ ދެއްކެވުން ނޫން ކަމެއް ނެތެވެ.

އަޅުގަނޑު ހިތަށް އަރަ އެވެ. ރައްޔިތުންގެ ތެރެއިން ލައްކަ އަަކަށް ވުރެ ގިނަ މީހުން ނިކުމެ ރައީސް މުޢިއްޒުއާ ހަވާލު ކުރީ ވެރިކަންތޯ އެވެ؟ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދުމުގެ ޒިންމާތޯ އެވެ؟ ނުވަތަ، ނަން ދެއްވާފައި އޮތިއްޔާ އޮތް ޤައުމަކަށް ވަޑައިގެންނެވުމުގެ ޓިކެޓެއްބާ އެވެ؟ ސާބަހެވެ! ފޯރިއެއްވާ އެބަ ހުއްޓެވެ!

- ކޮމެންޓް