ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 11:58
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
އެމެރިކާ-ރަޝިޔާ
ޕުޓިންއާ މެދު ހިތްހަމަ ނުޖެހޭ، އެހެން ނަމަވެސް ވާހަކަ ދެއްކުން ހުއްޓައި ނުލާނަން: ޓްރަމްޕް
ޕުޓިންއާ ވާހަކަ ދެއްކުމާއި، މުއާމަލާތް ކުރުން އެއްވެސް ގޮތަކަށް ހުއްޓާ ނުލާނެ ކަމަށް ޓްރަމްޕް ވިދާޅުވި. އެއަށް ފަހު އަނެއްކާ ވެސް ތަކުރާރުކޮށް އޭނާ ވިދާޅުވީ، ޕުޓިންއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުންނެވި ކަމަށާއި، އެހެން ނަމަވެސް ޕުޓިންއާ ވާހަކަ ދެއްކުމާއި މުއާމަލާތް ކުރުން ހުއްޓާ ނުލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ބީބީސީ އަށް އޭނާ ދެއްވި އިންޓަވިޔުއެއްގަ އެވެ. އަންގާރަ ދުވަހު އެ އިންޓަވިޔު އާންމު ކޮށްފައި ވަނީ، ޔުކްރެއިން އަށް އަސްކަރީ ހަތިޔާރު ދިނުމާއި، ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ފަހުންނެވެ.

އެ އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޕުޓިންއާ މެދު އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ. އެހެން ނަމަވެސް ޕުޓިންއާ ވާހަކަ ދެއްކުމާއި، މުއާމަލާތް ކުރުން އެއްވެސް ގޮތަކަށް ހުއްޓާ ނުލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއަށް ފަހު އަނެއްކާ ވެސް ތަކުރާރުކޮށް އޭނާ ވިދާޅުވީ، ޕުޓިންއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ޕުޓިންއާ އެކު ރަނގަޅު ވާހަކަތަކެއް ދައްކަވައި، ގިނަ މަޝްވަރާތަކެއް ކުރައްވާ ކަމަށެވެ. އެއާއެކު ކުރި މަގުގައި ކަންތައް ދާނީ ރަނގަޅަށް ކަމަށާއި، ހަނގުރާމަ ނިމުމަށް ގެނައުމުގެ އުންމީދު ކައިރިވެއްޖެ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭގެ ފަހުން އަނެއްކާ ވެސް ރަޝިޔާ އިން ޔުކްރެއިންގެ ކީވް އަށް ހަމަލާ ދީ، އިމާރާތެއް ސުންނާފަތި ކޮށްލަފާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ހޯމަ ދުވަހު ޓްރަމްޕް ވަނީ، އެމެރިކާާ އިން ޔުކްރެއިން އަށް އިތުރު އަސްކަރީ ހަތިޔާރު ފޯރުކޮށްދޭނެކަން އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ޔުކްރެއިން އަށް އިތުރު ޕެޓްރިއޮޓް މިސައިލްތައް ފޮނުވާނެ ކަމަށާއި، އެއީ ޔުކްރެއިން އަށް ކޮންމެހެން ވެސް ބޭނުންވާ ސާމާނު ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާ އިން ހިންގަމުން އަންނަ ހނގުރާމަ ހުއްޓާ ނުލައިފި ނަމަ، ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅުއްވާނެ ކަމަށެވެ. މިއީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި އެމެރިކާގެ ސިޔާސަތަށް އައި ބޮޑު ބަދަލެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

މި ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ވަރަށް ބޮޑަށް ޕުޓިން އަށް ފާޑު ވިދާޅުވަމުންނެވެ. ރަޝިޔާ އިން ޔުކްރެއިން އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކޮށްފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ، ޕުޓިން ހުންނެވީ މޮޔަވެފައި ކަމަށާއި، ޕުޓިން ބޭނުން ވަނީ މީހުންތަކެއް މަރަން ކަމަށެވެ.

- ކޮމެންޓް