ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ބޭރުގެ އިންވެސްޓަރުން ތިބީ ތައްޔާރަށް ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމް ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރުގެ ޕޮޓެންޝިއަލް އިންވެސްޓަރުންނާއި ބައްދަލުވެ އެބޭފުޅުންނާއި ވާހަކަދެއްކިއްޖެ ކަމަށެވެ. އަސްވާޑް ވިދާޅުވި ގޮތުގައި އޮލިމްޕަސް ޖެހޭނީ ހުރިގޮތަށް ބަހައްޓަން ކަމަށާއި އެތަން ބަހައްޓާފައި އެހެން ތަނެއްގައި ޒަމާނީ ފެންވަރުގެ ސިނާމެއް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އޮލިމްޕަހުގެ ޖާގަ ކުޑަވުމާއި އެތަނުގައި ވަސީލަތްތައް މަދުވުމުން ފިލްމު ޕްރޮޑިއުސަރުންނަށް އާމްދަނީ ހޯދުމަށްހުރި ދަތިތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޮލިމްޕަސް މަރާމާތު ކުރުމަށް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.
މިއީކީ އަޅުގަނޑު ތޯތޯއަކަށް ތިބޭފުޅުން ރުއްސަން މާމޮޅު ވާހަކައެއް ދައްކަނީކީއެއް ނޫން މިތަނުގައި، އަޅުގަނޑުމެން އެމީހުންނާއި ބައްދަލުވެއްޖެ، އެބޭފުޅުން ތިބީ ތައްޔާރަށް އަޅުގަނޑުމެން އެޗްޑީސީއާއި ވާހަކަދައްކައިގެން ހުޅުމާލެއިން ބިން ހޯދައިގެން އެކަން ކުރާނަން، ދެން އޮންނާނީ ޕްރޮޑިއުސަރުން އުފެއްދުން ދެން ސްކްރީނު ނެތިގެން ސިނެމާ ނެތިގެން ފިލްމު ނޭޅުވިގެން މިއުޅޭ އުޅުމަށް ހަމަޔަގީން ކަށަވަރު އެކަން ނިމުމަކަށް ގެންނާނަން، އެންމެ މަދުވެގެން ގާތްގަނޑަކަށް 4 ސްކްރީނުގެ ސިނެމާ އަޅުގަނދުމެން ގާއިމް ކުރާނަން ހުޅުމާލޭގައި.
ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)![]()
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހައްލު ހޯދަން ޖެހެނީ އޮލިމްޕަހަކަށް ނޫންކަމަށާއި އިތުރު ވިސްނުމެއްގައި އެހެން ގޮތެއް ހޯދަން ޖެހޭކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަނީ ރާއްޖޭގައި ހުންނަ ފަދަ ސިނަމާއެއް ނޫން ކަމަށާއި، އެތަންތަނުގައި އެކި ސްކްރީންތަކާއި، ޝޮޕިންގ ކޮމްޕްލެކްސް އާއި އަދި އިތުރު އާރކޭޑުތައް ހުންނާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ
ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިނަމާއެއް ނެތިގެން ފިލްމު ނޭޅުވުމެވެ. އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީއެވެ.
އަސްވާޑު ވިދާޅުވާ ގޮތުގައި، ފަންނާނުންނަށް 25 މިލިއަން ރުފިޔާގެ މާލީ އެހީދޭންވަނީ ނިންމައިފައެވެ. އުންމީދަކީ އަންނަ އޮގަސްޓުގައި އެކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.