ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ އަޙްމަދު މުނައްވަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގާ ވަކިކުރަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ މާލީ ސިޔާސަތުތައް ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. މުޅި ޤައުމުގެ އިގްތިސާދުގެ މިސްރާބު ހުރީ ފަހަތަށް ކަމަށާއި ހިފަހައްޓާލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އިގްތިސާދީ ހާލަތު ގޯސްވާއިރު އެމްއެމްއޭގެ ގަވަރނަރ އެކަމާއި މެދު އެއްޗެއް ވިދާޅުވެފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިއަދު ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ހުއްޓިފައި ކަމަށާޢި ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުހިނގާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އަދި ޑޮލަރުގެ އަގު އިންތިހާ އަށް މައްޗަށް ދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އެހެންވީމަ ކޮން ވިޔަފާރިއަކަށްތޯ ކެރޭނީ އީޖާބީ ކަންކަން ކުރިއަރުވަން. ވިޔަފާރިތައް ކުރިއެއް ނާރާ. މެދު ފަންތީގެ އަދި ކުދި ވިޔަފާރިތައް ތިބީ މާޔޫސްވެފައި. މި ލެވެްލ އަށް އިގްތިސާދު ވައްޓާލަން ހެޔޮ ނުވާނެ." މައުރޫފް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ކުޑަ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތް ތަކެއްޗަށް އަދިވެސް ފައިސާ ނުދައްކާ ވާތީ އެކަމަށް މައުރޫފް ފާޑު ވިދާޅުވިއެވެ. އެ ގޮތަށް ކަންކަން ކުރުމުން އިގްތިސާދު ކުރިއަރުވާނީ ކިހިނެތްތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ. އަދި އީޖާބީ އުފެއްދުންތަކަށް ފުރުސަތު ލިބޭނީ ކިހިނެތްތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ.