Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 15:38
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުން
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން
ފޭކް ސްލިޕް ފޮނުވައިގެން ބޮޑެތި އަދަދުތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި
80،000 އަށްވުރެ ގިނަ ރުފިޔާ ހޯދާ، ވެރިފަރާތާއި ހަވާލުކޮށްފައިވޭ
ކޯޓު އަމުރެއްގެ ދަށުން މި ދެމީހުން ހައްޔަރުކުރީ ޖޫން މަހުގެ 17 ގައި
މި މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ބޮޑެތި އަދަދުތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ފުލުހުން ބުނީ، ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރައި އޭގެ ވެރިފަރާތަށް ހޯދައި ދިނުމަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން އެ ފައިސާ އެ ފަރާތްތަކަށް ހޯދައިދީފައިވާ ކަމަށެވެ.

މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައަކީ މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާކަމަށް، މެއި 16 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުހައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް