އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭ އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ދެ ދުވަހުގެ ދަތުރުފުޅެއްގައި ރުޓޭ އެމެރިކާގެ ވޮޝިންޓަން އަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ. އަދި އެނބުރި ވަޑައިގަންނަވާނެ ކަމަށް ބުނެފައި ވަނީ އަންގާރަ ދުވަހު އެވެ.
ރުޓޭގެ މި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ބޭފުޅުންގެ ދެ މެދުގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދެކެވޭނެ ކަމަށް ވެސް ބެލެވެ އެވެ. މީގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވެސް ރުޓޭ ބައްދަލު ކުރައްވާނެ އެވެ.
ނޭޓޯ އިން ވަނީ ރުޓޭ އެމެރިކާ އިން ވަޑައިގަންނަވާކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް، މި ދަތުރުފުޅުގެ މައިގަނޑު ސަބަބެއް ނޭޓޯ އިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އެންބީސީ ނިއުސް އަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި، ޔުކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނޭޓީ މެދުވެރިކޮށް އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ރުޓޭގެ ދަތުރުފުޅާ ދިމާކޮށް ޓްރަމްޕް ވިދާޅުވެފައި ވަނީ، ހޯމަ ދުވަހުގެ ވަގުތެއްގައި "މުހިންމު އިއުލާނެއް" ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ޓްރަމްޕް ވިދާޅުވެފައި ނުވެ އެވެ. މި ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ޔުކްރެއިން އަށް ތާއިދުކޮށް، އަދި ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވަމުންނެވެ.
ޓްރަމްޕް އާއި ރުޓޭގެ މި ބައްދަލުވުން ތަކުން ޔުކްރެއިން އަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާ ތަކެއް ކުރެވޭނެ ކަމަށް ބެލެވެ އެވެ.