ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އިތުރު ޕެޓްރިއޮޓް މިސައިލް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ޓްރަމްޕް މިކަން އިއުލާން ކުރައްވާފައި ވަނީ، އޭނާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ޔުކްރެއިން އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށެވެ. އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭއާ ޓްރަމްޕް ބައްދަލު ކުރައްވަން ވެސް ހަަމަޖެހިފައި ވަނިކޮށެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ތަކާ މެދު އެއްބަސްވުމަކަށް އައުމަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ ޕެޓްރިއޮޓް މިސައިލް ތަކަކީ ޔުކްރެއިން އަށް ވަަރަށް މުހިންމު އެއްޗެއް ކަމަަށެވެ. ނަމަވެސް، ޔުކްރެއިން އަށް ފޮނުވާނީ ކިހާ އަދަދެއްގެ ޕެޓްރިއޮޓް މިސައިލެއް ކަމެއް ހާމަކޮށްފައި ނުވެ އެވެ. މީގެ އިތުރުން އެެމެރިކާ އިން ޔުކްރެއިން އަށް ފޮނުވާ ބައެއް ހަތިޔާރު ތަކަށް ނޭޓޯ އިން ފައިސާ ދައްކާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ. މި ފަހަކަށް އައިސްް ޓްރަމްޕް ގެންދަވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. ޚާއްސަކޮށް ހަނގުރާމަ އިތުރަށް ކުރިއަށް ގެންގޮސް، މީހުން މަރަން ޕުޓިން ބޭނުންވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ނުރުހުން ވެސް ފާޅު ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ގެންދަވަނީ ވަރަށް ރީތިކޮށް ވާހަކަ ދައްކަމުން ކަމަށެވެ. އެހެން ނަމަވެސް، ރޭގަނޑުގެ ވަގުތުގައި އެންމެންގެ މައްޗަށް ބޮން އަޅަމުން ގެންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ޕުޓިންއާ މެދު އިންތިހާ އަށް ނުރުހުންވެ ހުންނަވައި ޓްރަމްޕް ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ރަޝިޔާ އަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ޓްރަމްޕް ވަނީ، އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން މެދު ކަނޑާލައިފަ އެވެ. އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ޔުކްރެއިން އަށް އެހީ ދީފައިވާތީ އެކަމަށް ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.
ނަމަވެސް، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ އެކު ޓްރަމްޕް ކުރިއަށް ގެންދިޔަ އެކި އެކި މަޝްވަރާތަކަށް ފަހު ދެ ރައީސުންގެ ގުޅުން ވަރަށް ބޮަޑަށް ރަނގަޅުވެފައި ވަނިކޮށް، ޓްރަމްޕް ވަނީ ޔުކްރެއިން އަށް އެހީ ދިނުމަށް ނިންމައިފަ އެވެ.