ލާއިންސާނީ އަނިޔާތަކެއްދީ އއ. މާޅޮހުގައި މާރާލާފައި އޮއްވާ ފެނުނު އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނދިއުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި، އަބްދުއްރަހްމާންގެ އާއިލާއިން ޕޯސްޓްމޯޓަމް ހެދުމަށް ބޭނުން ނުވެއެވެ. އާއިލާއިން ބުނިގޮތުގައި ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވަނީ، ހަށިގަނޑަށް އިތުރު އަނިޔާއެއް ދޭން ބޭނުން ނުވާތީއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަބްދުއް ރަހްމާން މަރާލާފައި ވަނީ އޭނާ ނިދާފައި އޮއްވާ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އައި އިރު މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ. ނަމަވެސް މި މައްސަލަގައި ފުލުހުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ ހުއްދަ ނެތި އެ ރަށުން މީހުން ފުރުން މަނާކޮށްފައިވާ އިރު ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރކުރަމުންނެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި ވަނިކޮށް އޭނާ އަށް ބޮޑެތި ޒަހަމްތަކެއް ދިނުމާއި ގުޅިގެން އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭނާ މަރުވެފައި ވަނީ ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.