އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދެމުން އަންނަ ހަމަލާތަކުގައި، ކުޑަ ކުއްޖަކާއި އަންހެނަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ ޞަބްރާ ސަރަހައްދުގައި އިސްރާއީލް އިން ދިން ހަަމަލާތަކުގައި، އަލް ދަޔާ އާއިލާގެ ގެއަކަށް ދިން ހަމަލާގައި ކުޑަ ކުއްޖަކު ޝަހީދުވެފައިވާއިރު، އަންހެނަކު ވެސް ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން، އިތުރު ތިން މީހަކަަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޭގެ ކުރިން އިސްރާއީލް ދިން ހަމަލާތަކުގައި ނުސައިރަތުގެ މެދު ތެރެއިން 10 މީހަކު ޝަހީދުވެފައިވާއިރު، އަލް މަވާސީގައި ތިން މީހުން އަދި ޣައްޒާގެ ހުޅަނގު ސަރަހައްދުގައި ފަސް މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޣައްޒާގެ އެކި ސަރަހައްދު ތަކުގައި އިސްރާއީލްގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.