ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިިފި އެވެ.
އެގޮތުން އަލް ޝަކޫޝް ސަރަހައްދުގައި ހުރި އެހީ ބަހާ މަރުކަޒަކަށް ސީދާ ހަމަލާ ދިނުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަަމަށް އަލް ޖަޒީރާ އިން ވަނީ ބުނެފަ އެވެ. މިއީ ހޮނިހިރު ދުވަހު ދިން ހަމަލާގައި ޝަހީދުވެފައިވާ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހަމަލާ އިން ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ސަމީރު ޝައާތު ބުނެފައި ވަނީ، އެ ސަރަހައްްދުން ލޭގެ މަންޒަރު ފެނިފައިވާ ކަމަށާއި، ކާބޯ ތަކެތި ހޯދުމަށް އައި މީހުން އެ މީހުންގެ ކޮތަޅުތައް ހިފައިގެން ތިބި ކަމަށެވެ.
އދ އާއި އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން މި މަރުކަޒުތައް ސިފަ ކޮށްފައި ވަނީ އިންސާނީ ކަތިލުމުގެ މަރުކަޒުތަކެއް، ނުވަތަ މަރުގެ ދަންތުރަ ތަކެއްގެ ގޮތުގަ އެވެ. މިހާތަނަށް އެ ހަމަލާގައި ޝަހީދުވެފައިވާ މީހުންގެ ސީދާ އަދަދު ކަށަވަރުވެފައި ނުވާ ކަމަށް ވެސް އަލް ޖަޒީރާގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ އެ ހަމަލާތަކުގައި 34 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް އިތުރު ވަމުންދާކަން ފާހަގަކޮށް، ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އަންނަނީ އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތަކަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.