އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކުގައި، އީރާން އިން ޔުރޭނިއަމް ފައްކާ ކުރުން ހުއްޓުވުމަށް ތާއީދު ކުރާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަންގަވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އެކްސިއޯސް އިން ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާން ސަރުކާރުގެ އިސްވެރިންނަށް ވެސް ޕުޓިން އެކަން އަންގަވާފައިވާ ކަމަށެވެ. އެގޮތުން އީރާން އަށް ޔުރޭނިއަމް ފައްކާ ނުކުރެވޭ ގޮތަށް އެކުލަވާާލެވޭ ނިއުކްލިއާ އެއްބަސްވުމަކަށް ތާއީދު ކުރާ ކަމަށް ޕުޓިން އަންގަވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ އެކްސިއޯސް އިން މި މައުލޫމާތުތައް ހާމަކޮށްފައި ވަނީ އިތުބާރު ހުރި ކަމަށް ބުނާ މަސްދަރުތަކަކާ ހަވާލާ ދީފަ އެވެ. ނަމަވެސް، އީރާންގެ ސެމީ އޮފިޝަލް ނޫސް އެޖެންސީ، ތަސްނީމް އިން އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ، ޕުޓިން އެފަދަ މެސެޖެއް އީރާން އަށް ފޮނުވާފައި ނުވާ ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން ރަޝިޔާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް ވަކި ބަޔާނެއް އާންމުކޮށްފައި ނުވެ އެވެ.
އީރާނުގެ ނިއުކްލިއަާ ޕްރޮގްރާމަކީ ބައިނަލްއަޤުވާމީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. އެމެރިކާ އާއި އީރާންގެ ދެ މެދުގައި މި މައްސަލައިގައި ދެބަސްވުން އުފެދިފައިވުމާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމަވެގެން ދާނެ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ.
އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، އެމެރިކާ އިން އަބަދު ވެސް ހުށަހަޅާފައި ވަނީ އީރާން އަށް އެއްވެސް މިންވަރަކަށް ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ކަމަށެވެ. އެއީ އެމެރިކާ އިން ދެކޮޅު ހަދާ ކަމެއް ކަމަށާއި، އެމެރިކާ އިން އެކަމާ އެއްބަސް ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އީރާން އިން ބުނަމުން އަންނަނީ އެއީ އެ ޤައުމަށް ލިބިގެންވާ ޙައްގެއް ކަމަށާއި، އެ ހައްގު ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެ ހައްގު އަތުލައި ގަތުމަށް މަސައްކަތް ކުރާ ނަމަ، އެކަމާ އީރާން އިން އަބަދު ވެސް ދެކޮޅު ހަދާާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.