ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ކުޅުދުއްފުށި ސިޓީ އާއި ގުޅުން ހުރި ކަންކަމާއި، ރާއްޖޭގެ މަޝްރަހާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ރައީސް ޞާލިހު ކުޅުދުއްފުށްޓަށް ވަޑައިގަންނަވާފައި ވަނީ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެމްޑީޕީގެ ބޮޑު ޖަލްސާއަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެމްޑީޕީ ކުޅުދުއްފުށި ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.
އެމްޑީޕީން ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ޖަލްސާ ކެންސަލްކުރުމަށްފަހު އެޖަލްސާ ދެންބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށެއެވެ. މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި ހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އެހެން ކަމުން ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވަނީ ލަފާދީފައެވެ. އަދި މޫސުމް ރަނގަޅު ނަމަ ހުކުރު ދުވަހުގެރޭ ފުުރުމަށް ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.