އެމްޑީޕީން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކުރުމަށްފަހު، ޖަލްސާ ކެންސަލްކޮށްފި އެވެ.
އެމްޑީޕީން ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ޖަލްސާ ކެންސަލްކުރުމަށްފަހު އެޖަލްސާ ދެންބާއްވާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށެއެވެ.
މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި ހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އެހެން ކަމުން ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވަނީ ލަފާދީފައެވެ. އަދި މޫސުމް ރަނގަޅު ނަމަ ހުކުރު ދުވަހުގެރޭ ފުުރުމަށް ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖަލްސާއަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ނަމަވެސް މޫސުމް ރަނގަޅުވިހާ އަވަހަކަށް ޖަލްސާ ބާއްވާނެ ކަމަށް އެމްޑީޕީން ބުންޏެއެވެ.
އެޕާޓީގެ ވިހި ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ގުނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މަހު 18 ވަނަ ދުވަހު "ރަން ރީނދޫ" ދުވުން އިވެންޓް އިފްތިތާހުކުރުން އޮންނާނެއެވެ. ހުޅުމާލޭގައި ބާއްވާ މި އިވެންޓަށް އަދިވެސް ސަރުކާރުން ތަނެއް ދީފަ އެއް ނުވެއެވެ. ނަމަވެސް އެ ތާރީހުގައި އެ އިވެންޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 26 އިން ފެށިގެން ސިލްސިލާ ޖަލްސާތަކާއި ތަފާތު އެހެން ހަރަކާތްތަކާއި އެކު އަހަރުގެ އެކި ހިސާބަށް ބަހާލައިގެން އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.