އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ވާނެ ކަމުގެ އުންމީދު އޮތް ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ނަތަންޔާހޫ ވިދާޅުވީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ނިއުސް މެކްސްގެ ދަ ރެކޯޑް ވިތު ގްރޭޓާ ވަން ސަސްޓަރެން ޕްރޮގްރާމް އަށް ދެއްވި އިންޓަވިޔުގައި ނަތަންޔާހޫ ވިދާޅުވީ، މިވަގުތު ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ 50 ރައްޔިތުން ރަހީނުންގެ ގޮތުގައި ތިބި ކަމަށެވެ. އޭގެ ތެރެއިން ދިރި ތިބި ކަމަށް ޤަބޫލު ކުރެވެނީ 20 މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ދިރި ތިބި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި، އަދި މަރުވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.
ހަމާސް އިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލްގެ ދެކުނަށް ދިން ހަމަލާތަކުގައި 1200 މީހުން މަރުވެފައިވާއިރު، 251 މީހަކު ވަނީ ރަހީނުންގެ ގޮތުގައި ގެންގޮސްފަ އެވެ.
އޭގެ ފަހުން އިސްރާއީލް އިން ދިން ހަމަލާތަކުގައި ޣައްޒާ އިން ވަނީ 57،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާ އިން މި މައުލޫމާތުތައް ހާމަކޮށްފައިވާއިރު، ޝަހީދުވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަމާސް އިން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކުގައި އެތައް ގޮންޖެހުންތައް ކުރިމަތި ވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ޣައްޒާގައި ތިބި އިސްރާއީލްގެ ސިފައިން މުޅިން ފޭބުމާއި އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ޔަގީންކަން ހިމެނޭ ކަމުގައި ވެސް ބުންޏެވެ.
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުން ތަންފީޒު ވާނެ ކަމުގެ އުންމީދު އޮތް ކަމަށާއި، އެ މުއްދަތުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ.