Advertisement
ކ. މާލެ
|
11 ޖުލައި 2025 | ހުކުރު 13:48
ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މި ސަރުކާރުގެ ޕްލޭން
މި ސަރުކާރުގެ އޮތީ ހަމައެކަނި ވައްކަން ކުރުމުގެ ޕްލޭން، އިތުރު ޕްލޭނެއް ނެތް: ޔައުގޫބު
އެންމެ އަގުބޮޑު އެސެޓު ކަމުގައިވާ ބިމުން ދަނީ ވައްކަން ކުރަމުން
ގޯތި ދޫކުރުމުގައި ވެސް އޮޅުވާލުމަށް ދަނީ ވަރަށް މަސައްކަތް
ވައްކަން ކުރާ މީހުންނަށް ފުރުސަތު ދޭން ނުޖެހޭ، އެމީހުން ތިބެން ޖެހޭނީ ޖަލުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ އޮތީ ހަމައެކަނި ވައްކަން ކުރުމުގެ ޕްލޭން ކަމަށާއި، އިތުރު ޕްލޭނެއް ނެތް ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބު ވިދާޅުވީ މިސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، ނަމަވެސް ވައްކަން ކުރުމުގެ ޕްލޭން އެބައޮތް ކަމަށެވެ. އެކަން ގައުމުން ފެނިގެންދާ ކަމަށާއި، ރާއްޖޭގެ އެންމެ އަގުބޮޑު އެސެޓު ކަމަށްވާ ބިމުން ވައްކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާމެދު މިސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ވެސް ޔައުގޫބު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ މި ސަރުކާރުން ގޯތި ދޫކުރުމުގައި ވެސް އޮޅުވާލުމަށް ވަރަށް މަސައްކަތް ކުރާ ކަމަށާއި، މިހާރު ގުޅީފަޅުން ގޯތި ލިބުނު ރައްޔިތުން ވެސް ތިބީ ވާނުވާގައި ކަމަށެވެ.

ސަރުކާރުގެ ތެރެއިން ވައްކަންކުރާ ބޭފުޅުންނަށް ފިޔަވަޅު އަޅައި، ދުރުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ޔައުގޫބު ވިދާޅުވީ ރައީސް މުއިއްޒު ކަންކަމުގައި މަޝްވަރާ ކުރައްވަނީ ވެސް އެބޭފުޅުންނާ ކަމަށާއި، އެންމެ އަރިހުގައި ތިއްބެވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުން ކަމަށެވެ.

މި ސަރުކާރުގައި ވައްކަން ނުހުއްޓުވޭނެ ކަމަށާއި، ފިޔަވަޅު ވެސް ނޭޅޭނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އެއީ އަޅުގަނޑު އަބަދުވެސް ފާހަގަކުރާ ކަމެއް މިސަރުކާރުގައި އޮތީ އެންމެ ޕްލޭނެކޭ. އެއީ ވައްކަން ކުރުން. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެސެޓަކީ މާލެ ސަރަހައްދުގެ ބިމޭ. މާލެސަރަހައްދުގެ ބިމަކީ މިސާލަކަށް އެފްރިކާ ސަރަހައްދުން ރަން ޖަވާހިރު އެމީހުންގެ އެންމެ ވަރުގަދަ އެސެޓް އެއީ. އެތަންތަނަށް އެހެން މީހުންގެ ނުފޫޒު ފޯރުވައިގެން އެތަނުން އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން އެތަންތަން ނާޖާއިޒް ގޮތުގައި އޭގެ ބޭނުންކުރާ އެހެން ގައުމުތަކުގެ ބޭނުންކުރާ ފަދައިން އެ ބީދައިން އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ ދިވެހިރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓް މިހާރު މިއޮތް ސަރުކާރު ފާޅުގައި ނާޖާއިޒް ނުފޫޒު ފޯރުވައިގެން ހަމަ އެކި ގޮތްގޮތަށް އެމީހުންގެ މަސްލަހަތު އޮތް ދިމަދިމާލަށް ފޮތި ފޮތިކޮށްފައި ބަހަމުންދާތަން. ވަގަށް ނަގަމުންދާތަން. މިސާލަކަށް ބަލަމާ ހިނގާތޯ ކޮބައިތޯ ފަޒުލްގެ ވެރިކަމުގައި އެތާގައި ފަޒުލްގެ ބޭބެ ވަގަށް ނެގި ގޯތި. އެއަށްވީ ކިހިނެތްތޯ. އެއަށްވީ ގޮތެއް ވެސް އަނބުރާ އޭނާގެ އަތުން އެތުލިކަމެއް ވެސް ނާތުލާ ކަމެއް ވެސް ނޭނގޭ. އެއްވެސް މައުލޫމާތެއް މިއަދާއަށް އައިރު ނެތް.

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ ވައްކަން ކުރާ މީހުންނަށް ފުރުސަތު ދޭން ނުޖެހޭ ކަމަށާއި، އެމީހުން ތިބެން ޖެހޭނީ ޖަލުގައި ކަމަށެވެ. ނަމަވެސް އެ އުސޫލަށް ކަންކަން ނުހިނގާ ކަމަށާއި، ރައްޔިތުންގެ މާލިއްޔަތުގެ ކަންކަމުގައި ވާނުވާ ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް