އެމްޑީޕީން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރެޔަށް ފަސްކޮށްފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން ބުނީ މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި ހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އެހެން ކަމުން ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ލަފާދީފައިވާ ކަމަށެއެވެ. އެހެންކަމުން ހުކުރު ދުވަހުގެ ރޭ މޫސުން ރަނގަޅު ނަމަ ހުކުރު ދުވަހުރޭ ދަތުރުކުރާނެ ކަމަށާއި ކުޅުދުއްފުށީ ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުން ނިންމާފައިވަނީ މިހާރު ހޮނިހިރު ދުވަހުގެ ރޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖަލްސާއަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ މިހާރު ކުޅުދުއްފުއްޓަށް ވަޑައިގެންފައެވެ.
އެޕާޓީގެ ވިހި ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ގުނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މަހު 18 ވަނަ ދުވަހު "ރަން ރީނދޫ" ދުވުން އިވެންޓް އިފްތިތާހުކުރުން އޮންނާނެއެވެ. ހުޅުމާލޭގައި ބާއްވާ މި އިވެންޓަށް އަދިވެސް ސަރުކާރުން ތަނެއް ދީފަ އެއް ނުވެއެވެ. ނަމަވެސް އެ ތާރީހުގައި އެ އިވެންޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 26 އިން ފެށިގެން ސިލްސިލާ ޖަލްސާތަކާއި ތަފާތު އެހެން ހަރަކާތްތަކާއި އެކު އަހަރުގެ އެކި ހިސާބަށް ބަހާލައިގެން އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ