އެމްޑީޕީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ބިންލިބިފައިވާ ފަރާތްތަކުގެ އެއްބަސްވުންތަކަށް ބަދަލު ނުގެންނާނެކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ގެޒެޓް ކުރި އިއުލާން ޑިލީޓްކުރުމަށްފަހު އިބާރާތް ބަދަލުކޮށްފައިވާ އިއުލާނެއް ބުދަ ދުވަހުގެރޭ ގެޒެޓްކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ހަވީރު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގުޅީ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ގައި ކުރިއަށް ގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލު ކުރުން އަވަސް ކުރުަމަށްޓަކައި އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާން ކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާ އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހު ކުރުމަށްޓަކައި މިނިސްޓްރީ އާއި ގޯތި ހަވާލު ކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހު ކުރެވިފައިވާ އައު އެއްބަސްވުގައި ސޮއި ކުރުމަށް މިނިސްޓްރީން ނިންމި ކަމަށެވެ.
ނަމަވެސް މި އިއުލާން މިހާރު ވަނީ ގެޒެޓުން ޑިލީޓްކޮށްލާފައެވެ. އަދި މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓުވެސް ވަނީ ޑިލީޓްކޮށްލާފައެވެ.
މިނިސްޓްރީން ބުދަ ދުވަހުގެ ރޭ 9:21 ގައި އަލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ އުޞޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު) ގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފައިވެއެވެ.
އެކި ސަބަބުތަކާހެދި ގުޅިފަޅުގެލޭންޑް ޔޫސް ޕްލޭނަށްގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަޙައްދު ބަދަލުވެފައިވެއެވެ. އެފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެފަރާތްތަކަށް ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅައި، އެފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމުގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި، މި މާއްދާގައި، އެފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުޠުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، އެ އުޞޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަނި ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ޙަވާލުކުރެވި ޢިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިޞްލާހުކޮށްގެން މުޅި މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ 2025 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ޙަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި އެ މިނިސްޓްރީއާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އެމެންޑްމަންޓު އެއްބަސްވުމުގައި ސޮއިކުރުމަށް އެ މިނިސްޓްރީއިން ނިންމި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ނިންމީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށެވެ. މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެކެވެ. https://t.co/w8LBOnEOqi
— Abdulla Muththalib (@muththo) July 9, 2025
ބުދަ ދުވަހުގެ ހަވީރު ކުރި އިއުލާނުގެ ފަހަތުން ދެވަނަ ޕެރެގްރާފުގައި ވަނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ 2025 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ޙަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި އެ މިނިސްޓްރީއާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހުކުރެވިފަިއވާ އައު އެއްބަސްވުމުގައި ސޮއިކުރުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ބައި ހިމެނޭ އިއުލާން ޑިލީޓްކުރުމަށްފަހު ބުދަ ދުވަހުގެރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި އެ މިނިސްޓްރީއާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އެމެންޑްމަންޓު އެއްބަސްވުމުގައި ސޮއިކުރުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.