Advertisement
ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 13:21
ފަހީ ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނި
ފަހީ ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނި
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ފުލެޓް ލިސްޓް
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
ދެލައްކަ ރުފިޔާއަށް ފުލެޓް އެހެން މީހެއްގެ ނަމަށް ބަދަލު ކުރޭ، ފުރަތަމަ ދައްކަން ޖެހެނީ 50،000 ރުފިޔާ
ދޮގު މައުލޫމާތު ހިމެނޭ ސިޓީ 600 މީހަކަށް ފޮނުވާފައިވޭ
މިހާތަނަށް އައި އިރު ފުލެޓް ހަވާލުކުރަން އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރޭ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓްތައް ލިބިފައިވާ ފަރާތްތަކަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ އެ ފުލެޓް ފައިސާނަގައިގެން އެހެން ބަޔަކަށް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ކުރީ ސަރުކާރުންވެސް ދީފައި އޮތް އެއްވެސް ފްލެޓެއް އެއްވެސް ބިމެއް އެއްވެސް ތަނެއް އަތުނުލައްވާނެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދޮޅު އަހަރުވެއްޖެ ކަމަށާއި އެހެންނަމަވެސް، ފްލެޓުތައް އަދިވެސް ނުދެވޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ފްލެޓުތައް ދެވޭނެ ދުވަހެއްވެސް ޔޫނިއަންއަކަށްވެސް ނޭނގޭ ކަމަށާއި، ފްލެޓުތައް ނުދީ ލަސްވާ ކޮންމެ ދުވަހަކީ ދައުލަތަށް ލިބޭ ގެއްލުމެއް ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މިހާރުވެސް 1000 ފުލެޓް ހަދާ ނިމިފައިވާ ކަމަށާއި، އެ ފުލެޓްތައް މިހާރު ހަވާލުކުރިއަސް މަހެއްގެ މައްޗަށް ދައުލަތަށް 8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ޙަޤީޤަތުގައި ތާރީޚުތަކާ އެއްޗެހި ވެސް އެބަހުރި ދެއްވާފަ. މިނިސްޓަރު ވިދާޅުވެފައި މި އޮންނަނީ ޖޫން މަހުގެ ޢީދު ބަންދުގެ ފަހުން ފްލެޓް ހަވާލުކުރާ އެގްރީމަންޓްގައި ސޮއިކޮށް، ޖުލައި މަހުގައި، ނިމިފައިވާ ފްލެޓުތަކުގައި ދިރިއުޅެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ދެހާސް ފަންސަވީސް ވަނަ އަހަރު މޭ މަހުގެ ނުވަ ވަނަ ދުވަހު މިނިސްޓަރު މުއްތަލިބު ނޫސްވެރިންގެ ބައްދަލުވުމަށް ވިދާޅުވެފައިވޭ. މައްސަލައާ ގުޅިގެން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ގޮތުގައި އަދި މިކަމެއް ކުރިޔަކަށް ނުދޭ އިނގޭތޯ. އަދި މިކަމެއް ކުރިއަކަށް ނުދޭ. ވެދާނެ މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ ކަމަށް ވިޔަސް، އެހެންނަމަވެސް، އަޅުގަނޑު މިނިސްޓަރަށް ދަންނަވަން އޮތް ވާހަކައަކީ، މިނިސްޓަރު ތިޔަ ހުންނަވަނިކޮށް މިނިސްޓަރަށް ނޭނގި ޙަޤީޤަތުގައި ތި މިނިސްޓްރީން ބަޔަކަށް އެބަ ޖަރީމާތަކެއް އެބަ ހިންގައޭ އިނގޭތޯ.

ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ފުލެޓް ލިބޭ ހައްގުވެރިންގެ އަތުން އެކި ބަހަނާ ދައްކައިގެން މާލޭގައި ނޫޅޭ މީހުންކަމަށް ބަޔާންކޮށްގެން ސިޓީތައް ފޮނުވަމުންދާ ކަމަށާއި، އެ ސިޓީތައް ފޮނުވައިގެން ކުރަން އުޅޭ ކަމަކީ މީގެތެރެއިން 600 ފްލެޓު އަތުލުން ކަމަށެވެ. އަދި މި ސިޓީތައް ވެސް 600 އެއްހާ މީހުންނަށް ފޮނުވާފައިވާ ކަމަށާއި، އެ ފުލެޓްތައް އެހެން ބަޔަކަށް ލާރި ނަގައިގެން ދޭން އުޅޭކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ދެ ލައްކަ ފުރަތަމަ، ފަންސާސް ހާސް ދިނީމާ ތިމަންނަމެން ރަޖިސްޓްރޭޝަނަށް، ވަކި ލިސްޓަށް އަރުވާނަމޭ. ދެން ބާކީ ފައިސާ ވާހަކައަކީ، ފްލެޓް ހަވާލުކޮށް ދިނީމާ. މި ދަންނަން އުޅޭ ވާހަކައަކީ، މި ބާވަތުގެ ވާހަކަތައް ރައްޔިތުން މި ދައްކަނީ ޙަޤީޤަތުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޭގެތެރޭގައި އެކުލެވޭތީ އިނގޭތޯ. އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑު އަބަދުވެސް ކިޔާ ވާހަކައެއް އެއީ، އަލިފާނެއް ނެތިއްޔާ ދުމެއް ނުހުންނާނެ. އެހެންވީމާ، އެއީ ހަމަ އަނެއް ކިޔާ، ރެނދެއްލާނޭ އިނގޭތޯ. އެހެންވީމާ، ދަންނަވަން މި އުޅޭ ވާހަކައަކީ ކޮންމެވެސް ކަމެއް އެބަ ހިނގާ. އެހެންވީމާ، މިއީ ހިނގާ ކަމަށް އަޅުގަނޑު އިތުރު ދަލާއަކަށް އަޅުގަނޑުމެންނަށް މި ލިބެނީ.

ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން

މީގެ އިތުރުން ގުޅީފަޅު ގޯތީގެ މައްސަލައިގައި ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ހަވީރު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގުޅީ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ގައި ކުރިއަށް ގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތިތައް ހަވާލު ކުރުން އަވަސް ކުރުަމަށްޓަކައި އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި ގޯތި އޮތްތަން ބަޔާން ކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާ އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހު ކުރުމަށްޓަކައި މިނިސްޓްރީ އާއި ގޯތި ހަވާލު ކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހު ކުރެވިފައިވާ އައު އެއްބަސްވުގައި ސޮއި ކުރުމަށް މިނިސްޓްރީން ނިންމި ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު ގެ ދަށުން ހުޅުމާލެ އިން ލިބުނު ގިނަ ގޯތި ތައް ހަވާލު ކުރެވި އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައި ވުމާއެކު ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ނުފެންނަ ކަމަށް މިނިސްޓްރީން މިހާރު ވަނީ އެއްބަސްްވެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިއުލާނު ކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށް ރަޖިސްޓަރީ ހަވާލު ކޮށްފައިވާކަން އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ އެއްބަސްވުންތައް ދެމި އޮއްވާ ޑރ. މުއިއްޒުގެ ސަރުކާރުން ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެެނެސް، ކުރިން ލިބިފައިވާ ގޯތީގެ ލޮކޭޝަން ވަނީ ބަދަލު ކޮށްފައެވެ.

އެއާއެކު އަލުން ގުރުއަތުލުން ބާއްވާ، އައު ލޮކޭޝަނުން ލިބޭ ގޯތި ވަނީ ކަނޑައަޅާފައެވެ.

މި ގޮތައް ކަނޑައަޅާ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވި ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

މައްސަލަ ހޫނުވީ، މިނިސްޓްރީން އައު އެއްބަސްވުން އެކުލަވާލި އިރު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްްވުމުގައި ވާ މުހިންމު މައްދާ އެއް ސިއްރުން ބަދަލު ކޮށްފައިވާ ކަން ފަޅާ އެރުމުންނެވެ.

- ކޮމެންޓް