ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 11:28
ޣައްޒާގައި އިސްރާއީލް ދީފައިވާ ހަމަލާގެ ސަބަބުން ގެއްލުންވެފައިވާ ސަރަަހައްދެއް
ޣައްޒާގައި އިސްރާއީލް ދީފައިވާ ހަމަލާގެ ސަބަބުން ގެއްލުންވެފައިވާ ސަރަަހައްދެއް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 37 މީހަކު ޝަހީދު ކޮށްލައިފި 
ހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި 37 މީހަކު ޝަހީދު ކޮށްލައިފި އެވެ. 

ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލް އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ޣައްޒާގެ މެދު ތެރޭގައި އޮންނަ ދީރް އަލް ބަލާޙުގައި އިސްރާއީލް އިން ދިން ހަމަލާތަކުގައި 13 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލް އިން ބުނެފައި ވަނީ، 13 މީހަކު ޝަހީދުވުމުގެ އިތުރުން، އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށެވެ. 

އެގޮތުން ހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. މީގެ ކުރިން ޣައްޒާގެ މެދު ތެރޭގައި ހުންނަ ބްރެއިޖް ރެފިއުކީ ކޭމްޕުގައި އިސްރާއީލް އިން ދިން ހަމަލާތަކުގައި ވަނީ ހަތަރު މީހަކު ޝަހީދު ކޮށްލައިފަ އެވެ. 

މީގެ އިތުރުން ޣައްޒާގެ ދެކުނުގައި އިސްރާއީލް އިން ދިން ވައިގެ ހަމަލާގައި 24 މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވީ 24 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މި ފަހުން އެތައް ބަަޔަކު ޝަހީދު ކޮށްފައިވާއިރު، މިއަހަރުގެ މެއި މަހުން ފެށިގެން، ޣައްޒާގައި ހިންގާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ އެހީ ޕްރޮގްރާމްގެ ދަށުން، އެހީ ބަހާ މަރުކަޒުތަކުން ވެސް ވަނީ 700 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. 

- ކޮމެންޓް