ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 10:25
އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން ޖަބަލިއާ ސަރަހައްދުގައި ދުން އަރާ މަންޒަރު
އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން ޖަބަލިއާ ސަރަހައްދުގައި ދުން އަރާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ 10 ރަހީނުން ދޫކޮށްލަން ހަމާސް އިން އެއްބަސްވެއްޖެ
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދެމުން އަންނައިރު، އިސްރާއީލް ދިން ދައްކަމުން އަންނަ ދެކޮޅު ވެރިކަމާއި، ގޮތް ދޫނުކުރުމުގެ ސަބަބުން މަޝްވަރާތައް އުނދަގޫ ވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ 10 ރަހީނުން ދޫކޮށްލަން އެ ޖަމާއަތުން އެއްބަސްވެއްޖެ އެވެ. 

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ހަމާސް އިން ވަނީ 10 ރަހީނުން ދޫކޮށްލަން އެއްބަސްވެފަ އެވެ. 

ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދެމުން އަންނައިރު، އިސްރާއީލް ދިން ދައްކަމުން އަންނަ ދެކޮޅު ވެރިކަމާއި، ގޮތް ދޫނުކުރުމުގެ ސަބަބުން މަޝްވަރާތައް އުނދަގޫ ވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ހަމާސް ޖަމާއަތުން ބުނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޮރުކޮށްދިނުމުގެ ކަންތަކާއި، ޣައްޒާގައި ތިބި އިސްރާއީލްގެ އެންމެހައި ސިފައިން ފޭބުމާއި، އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ޔަގީންކަމާ މެދު ގޮންޖެހުންތަކެއް ކުރިމަތިވުން ހިމެނެ އެވެ.  

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހުށަހަޅުއްވާފައިވާ ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓުމަކަށް އައުމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، އަދި މިހާރު އޮތީ އެކަމަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ އިސްވެރިޔާ ބުނެފައި ވަނީ، ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަޝްވަރާތަކުގައި އެކަމަށް އަލި މަގެއް ފެނިފައިވާ ކަމަށެވެ. އަދި އިސްރާއީލާއި ހަމާސްއާ ދެެމެދު ނުރަސްމީ ވާހަކަތައް ދެކެވެމުން އަންްނަ ކަމަށް ވެސް ބުންޏެވެ. އިތުރަށް އޭނާ ބުނީ އިސްރާއީލަށް ގިނަ ކަންތައްތަކެއް ޙާސިލު ކުރެވިފައިވާ ކަމަށާއި، ހަމާސް އަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށެވެ. 

އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް ވިދާޅުވެފައި ވަނީ، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވިއްޖެ ނަމަ، ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ. 

- ކޮމެންޓް