ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 10:22
ޣައްޒާ ސިޓީގައި އިސްރާއީލްގެ އަސްކަރީ އުޅަނދެއް ދުއްވާ މަންޒަރު
ޣައްޒާ ސިޓީގައި އިސްރާއީލްގެ އަސްކަރީ އުޅަނދެއް ދުއްވާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ދެ ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވިދާނެ ކަމަށް އިސްރާއީލް އިން ބުނެފި
ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނައިރު، އޭނާ ބުނެފައި ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އިން އެއްބަސްވެދާނެ ކަމަށް.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމަށް އަމަލު ކުރުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި ފެށިދާނެ ކަމަށް އިސްރާއީލް އިން ބުނެފި އެވެ. 

އިސްރާއީލްގެ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ލަފާ ކުރެވެނީ އެއް ހަފުތާ، ނުވަތަ ދެ ހަފުތާގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނައިރު، އޭނާ ބުނެފައި ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އިން އެއްބަސްވެދާނެ ކަމަށެވެ. 

އެހެން ނަމަވެސް، ހަމާސް އިން ހުރިހާ ހަތިޔާރެއް ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނޫން ނަމަ، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ބުނެ، އޭނާ ވަނީ އިންޒާރު ދީފަ އެވެ.

ޣައްޒާ ހަނގުރާމައިގެ އިތުރުން އޭނާ ވަނީ، އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އެގޮތުން އީރާންގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާން ގައި އަދިވެސް ޔުރޭނިއަން ފައްކާ ކޮށްފައި ހުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. 

މީގެ ތެރެއިން އިސްފަހާންގައި ރައްކާ ކޮށްފައި ހުރި ޔުރޭނިއަން އަދި ވެސް ލިބެން ހުރި ކަަމަށާއި، އެހެން ނަމަވެސް އެތަކެތި ނެގުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް މީގެ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރި އެެވެ. ނަަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދީފަ އެވެ.

ހަމާސް ޖަމާއަތް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލް އިން ބުނެފައިވާއިރު، ޣައްޒާގައި އިސްރާއީލްގެ އަނިޔާވެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. 

- ކޮމެންޓް