ކ. މާލެ
|
9 ޖުލައި 2025 | ބުދަ 23:08
ޣައްޒާ ގެ ކުޑަކުދިން ތަކެއް ޗެރިޓީ ޖަމިއްޔާއަކުން ބަހާ ކާބޯތަކެތި ހޯދުމަށް އައިސް ކާއެތިކޮޅެއްގެ އިންތިޒާރުގައި - ޖުލައި 7، 2025
ޣައްޒާ ގެ ކުޑަކުދިން ތަކެއް ޗެރިޓީ ޖަމިއްޔާއަކުން ބަހާ ކާބޯތަކެތި ހޯދުމަށް އައިސް ކާއެތިކޮޅެއްގެ އިންތިޒާރުގައި - ޖުލައި 7، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ތައް ހުއްޓިފައި
މަޝްވަރާތައް ހުއްޓިފައި ވަނީ އިސްރާއީލުގެ ވަފްދުން އ.ދ.ގެ އިދާރާތަކާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތައް މެދުވެރިކޮށް ޣައްޒާ އަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށް ދިނުމަށްއެއްބަސް ނުވުމުން

ޣައްޒާ ގައި އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލުމާ ބެހޭ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބީބީސީ އިން ބުނެފިއެވެ.

ގަތަރުގައި އިސްރާއީލާއި ހަމާސް އާ ދެމެދު ފެށުނު ހަމަލާ ހުއްޓާލުމާއި އަސީރުން ދޫކޮށްލުމުގެ ތިން ދުވަހުގެ ނުސީދާ ވާހަކަދެއްކުންތަކަށް ފަހު ވާހަކަތައް ހުއްޓިފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލަކު ބީބީސީ އަށް ބުނެފައިވެއެވެ.

އެ އޮފިޝަލް ބުނީ، މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހަމަލާ ހުއްޓާލުމުގެ ދުވަސްވަރު އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމުތަކާއި އިސްރާއީލުގެ ސިފައިން ޣައްޒާ އިން ފޭބުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ މިހާރު ހުންނެވީ އެމެރިކާގައެވެ. އަންގާރަ ދުވަހު އޭނާ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އެކު ދެވަނަ ފަހަރަށް ބޭއްވި ކުއްލި ބައްދަލުވުމަކާ ގުޅިގެން އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އުފެދިފައިވާ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ވިދާޅުވީ، ދޯހާ ގައި ކުރިއަށް ދާ މަޝްވަރާ ތަކުގައި ހައްލުނުވެ ހުރި މައްސަލަތައް މިހާރު އެންމެ މައްސަލަ އަކަަށް މަދުވެފައިވާ ކަމަށާއި، މި ހަފްތާ ނިމުމުގެ ކުރިން 60 ދުވަހުގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވޭނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕް އާއި ނަތަންޔާހޫ އާ ދެމެދު ބޭއްވުނު ބައްދަލުވުން ތަކުގެ ތަރުތީބުން ދައްކުވައިދެނީ ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަކާ ދިމާލަށް ކުރިއެރުން ލިބެމުންދާ ކަމެވެ.

ބުދަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވީ، އެ ދެ ބޭފުޅުންގެ އެންމެ ފަހުގެ ބައްދަލުވުން "އަސީރުން މިނިވަން ކުރުމުގެ މަސައްކަތަށް" އަމާޒުކޮށްފައިވާ ކަމަށެވެ.

"އަހަރެމެން އެންމެ ހިނދުކޮޅަކަށް ވެސް ދޫ ނުކުރާނަން، އަދި މިކަން ކުރިއަށް ގެންދެވޭނީ އަހަރެމެންގެ ހިތްވަރުގަދަ ސިފައިންގެ އަސްކަރީ ޕްރެޝަރާ އެކުއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވީ އިސްރާއީލުގެ ހުރިހާ މަޤްޞަދުތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން އެ ލަނޑުތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، ދިރިތިބި އަދި މަރުވެފައިވާ ހުރިހާ އަސީރުން ގެނައުމާއި، އަދި ހަމާސްގެ އަސްކަރީ އަދި ވެރިކަމުގެ ގާބިލިއްޔަތު ނެތިކޮށްލުމާއި، އެއާއެކު ޣައްޒާ އިން އިސްރާއީލަށް އަލުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަން ކަށަވަރު ކުރުމެވެ.

އިސްރާއީލުން ބުނާ ގޮތުގައި 50 އަސީރުން އަދިވެސް ވަނީ ޣައްޒާ ގައި ހިފަހައްޓާފައެވެ. އޭގެ ތެރެއިން 20 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެއެވެ.

ވިޓްކޮފް ވިދާޅުވީ، އިސްރާއީލާއި ހަމާސް އާ ދެމެދު އެއްބަސްވުމަކަށް އައުމަށް ކުރިން އެޅިފައި ހުރި ހުރަސްތައް ނެތިކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން 60 ދުވަހުގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ދޯހާގައި ކުރިއަށްދިޔަ ހަތަރު ބުރުގެ މަޝްވަރާތަކުގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމެއް ސާފެއް ނުވެއެވެ.

މަޝްވަރާތަކުގެ ތަފްޞީލު އެނގޭ ފަލަސްތީނުގެ އޮފިޝަލަކު ބުދަ ދުވަހު ބީބީސީ އަށް ބުނެފައި ވަނީ، މަޝްވަރާތައް އަދިވެސް ހުއްޓިފައިވާ ކަމަށެވެ.

އެ އޮފިޝަލްގެ ބަޔާނަށް ބަލާއިރު، މަޝްވަރާތައް ހުއްޓިފައި ވަނީ އިސްރާއީލުގެ ވަފްދުން އ.ދ.ގެ އިދާރާތަކާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތައް މެދުވެރިކޮށް ޣައްޒާ އަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށް ދިނުމަށްއެއްބަސް ނުވުމުންނެވެ.

އިސްރާއީލުން ދަނީ، މިހާާރު އޮތް އެހީ ފޯރުކޮށްދިނުމުގެ ގޮތް ދެމެހެއްޓުމަށް ބާރު އަޅަމުންނެވެ. އެއީ އެމެރިކާ އަދި އިސްރާއީލުގެ އެހީގައި ހިންގާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް)" އިން އެކަން ކުރިއަށް ގެންދާ ގޮތަށެވެ. މި ފައުންޑޭޝަނުން އެހީގެ ކަންކަން ކުރިއަށް ގެންދަނީ އ.ދ. އާ ނުގުޅި އަމިއްލަ ސެކިއުރިޓީ ކޮންޓްރެކްޓަރުން ބޭނުން ކޮށްގެންނެވެ.

އެ މަސްދަރުން ފާހަގަ ކުރި ގޮތުގައި އިސްރާއީލުން ގެންދަނީ، މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޣައްޒާ ގައި ހިފާފައިވާ ސަރަހައްދުތަކުން ސިފައިން ފޭބުމަށް ގޮވާލާ ގޮވާލުން ތަކަށް އިޖާބަ ނުދޭނެ ކަމަށް ބުނަމުންނެވެ. މިއީ މަޝްވަރާތަކުގެ ކުރިއެރުމަށް އިތުރު ދަތިތަކެއް ގެނެސްފައިވާ ކަމެކެވެ.

އެމެރިކާ އާއި މިޞްރުއާ އެކު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން އިން ވެސް އަންގާރަ ދުވަހު ބުނީ، މި މައްސަލަ ހައްލު ކުރުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ އަންގާރަ ދުވަހު ވިދާޅުވީ، "މިވަގުތު ވަކި މުއްދަތެއް ދޭން ދަތި ކަމަށާއި އެކަމަކު މިކަމަށް ވަގުތު ބޭނުންވާނެ ކަމަށް މިހާރު ވެސް ބުނެވިދާނެ؛" ކަމަށެވެ.

21 މަސް ދުވަހުގެ މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގު ފަހިކުރުމަށް ޓްރަމްޕްގެ ސަރުކާރުން މިހާރުވެސް އުންމީދާއެކު ދެމިތިބި ކަމަށް ވެއެވެ. އެ ގޮތުން ވިޓްކޮފް ވަރަށް އަވަހަށް ދޯހާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ހުށަހެޅުމުގައި ހަމާސް އިން ދިރިތިބި 10 އަސީރުންނާއި އަދި 18 މަރުވެފައިވާ 18 އަސީރުން ހިމެނޭ ގޮތަށް 28 އަސީރުން – 60 ދުވަހުގެ ހަމަލާ ހުއްޓާލުމުގެ އެއްބަސް ވުމުގެ ތެރޭގައި އެކި މަރުޙަލާ ތަކުގައި ދޫކުރާނެއެވެ.

އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ދޫކުރާނެއެވެ.

ޣައްޒާ އަށް އިންސާނީ އެހީގެ ކަންކަން ފޯރުކޮށްދިނުން ވެސް އިތުރު ކުރާނެއެވެ.

އެއްބަސްވުމުގެ ފުރަތަމަ ދުވަހު ދިރި ތިބި 8 އަސީރުން ހަވާލު ކޮށް، އިސްރާއީލުގެ ސިފައިން އުތުރުގެ ބައެއް ސަރަހައްދު ތަކުން ފަހަތަށް ޖެހޭނެއެވެ. ހަތް ދުވަސް ފަހުން، އެމީހުން ދެކުނުގެ ބައެއް ސަރަހައްދު ތަކުން ފަހަތަށް ޖެހޭނެއެވެ.

ދިހަ ވަނަ ދުވަހު، ދިރިތިބި ބާކީ އަސީރުންގެ ހާލަތު ހަމާސް އިން އިސްރާއީލަށް ދޭން ޖެހެއެވެ. އަދި އިސްރާއީލުން ހަނގުރާމައިގެ ތެރޭގައި ހައްޔަރު ކުރި 2,000 އަށް ވުރެ ގިނަ ޣައްޒާ މީހުންނާ ބެހޭ ތަފްޞީލު ދޭން ޖެހޭނެއެވެ.

- ކޮމެންޓް