މި ދުވަސްވަރު މުޅި ރާއްޖެއަށް ބަލާއިރު، ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުދަ ދުވަހު ވަނީ މިދިޔަ ޖޫން މަހުގެ 15 އިން މި ހިނގާ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު މިންވަރުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެގޮތުން ވޭތުވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާކަން އެ މިނިސްޓަރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި މުއްދަތުގައި މުޅި ރާއްޖެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ޖުމުލަ 3،763 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.
ހެލްތްމިނިސްޓްރީގެ ފަތާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން ކަމުގައި ހެލްތް މިނިސްޓްރީން ބުނެއެވެ. އެގޮތުން ހަމަ އެކަނި މާލެ ސަރަހައްދުން މި މުއްދަތުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ޖުމުލަ 2370 އަށް ވަނީ އަރާފައެވެ.
މީގެ އިތުރުން އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކުރި މިންވަރު ވެސް ހެލްތްމިނިސްޓްރީން އާންމުކޮށްފައިވާއިރު، މި މުއްދަތުގައި އިންފްލުއެންޒާގެ 239 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން މާލެ ސަރަހައްދުން އިންފްލުއެންޒާގެ 228 ކޭސް ރިޕޯޓުކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ