ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ބައްދަލު ކުރައްވައިފި އެވެ.
ސައުދީގެ ވެރި ރަށް ރިޔާދުގައި މުޙައްމަދު ބިން ސަލްމާން އާއި އަރާގްޗީ ބައްދަލު ކުރައްވާފައި ވަނީ އަންގާރަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި އުފެދިފައިވާ ޚިލާފުތައް ޙައްލު ކުރުމަށް ޑިޕްލޮމެޓިކް މަގުތައް ބޭނުން ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރިޔާދުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަަކައި، ހަނގުރާމަ ހުއްޓުމަކަށް އައުމުގެ މުހިންމުކަން މުޙައްމަދު ބިން ސަލްމާން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އަދި ސަރަހައްދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލު ކުރުމަށް ޑިޕްލޮމެޓިކް މަގުތައް ބޭނުން ކުރުމަކީ، ސައުދީ އަރަބިއްޔާ އިން އިސްކަން ދޭނެ ސިޔާސަތެއް ކަމަށް މުޙައްމަދު ބިން ސަލްމާން ފާހަގަ ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިސްރާއީލް އިން އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި، އީރާނަށް ދިން ހަމަލާތައް ސައުދީ އަރަބިއްޔާ އިން ކުށްވެރި ކޮށްފައިވާތީ، އަރާގްޗީ ވަނީ ސައުދީ ސަރުކާރު އަދި މުޙައްމަދު ބިން ސަލްމާން އަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މީގެ އިތުރުން މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި ސަރަަހައްދުގައި ސުލްހަވެރިކަން ޤާއިމު ކުރުމަށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ.
ސައުދީ އަރަބިއްޔާ އަށް އަރާގްޗީ ކުރައްވާ މި ދަތުރުފުޅުގައި ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒިރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ސައުދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އަރާގްޗީ އާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ޤައުމުގެ އެއްބާރުލުމާއި، ސަރަޙައްދީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.