ލިވަޕޫލްގައި އޭނާއާ މެދު ކަންތައް ކުރަނީ ރަނގަޅަށް ނޫން ކަމަށް ބުނެ، އެ ޓީމަށް ކުޅެމުން އަންނަ މިޞްރު ގެ ފޯވާޑު މުޙައްމަދު ޞަލާޙު ގެ އުދާސްތައް ބަންޑުން ކޮށްލައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް އިން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ޞަލާޙު ކުޅެފައި ނުވެ އެވެ. މެޗުގެ 90 މިނެޓު ހަމަވީއިރު ވެސް ޞަލާޙު އިނީ ބެންޗުގަ އެވެ. ލިވަޕޫލްގެ ކޯޗު އާން ސްލޮޓް އޭނާ އަށް ފުރުސަތު ދީފައި ނުވާއިރު، އެ މެޗަށް ފަހު ޞަލާޙު ވަނީ އޭނާގެ އުދާސްތައް ހާމަ ކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޞަލާޙު ބުނެފައި ވަނީ، މީގެ ކުރިން ލިވަޕޫލްގެ ކޯޗު ސްލޮޓްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް، މިހާރު އެ ގުޅުން ނެތް ކަމަށެވެ. ނަތީޖާތައް ދަށްވެ، އުނދަގޫ ޙާލަތެއް ގައި ލިވަޕޫލް އޮތްއިރު، ޞަލާޙު ބުނީ "ކޮންމެ ވެސް" މީހަކު ބޭނުން ވަނީ އެ ޙާލަތު ގެ ޒިންމާ އޭނާ ގެ ބޮލުގައި އަޅުވަން ކަމަށެވެ.
އެކަން ފާހަގަކޮށް ޞަލާޙު ބުނީ ލިވަޕޫލް އަކީ އަބަދު ވެސް އޭނާ އެންމެ ލޯބިވާ ކުލަބު ކަމަށާއި، އޭނާގެ ދަރިން އަދި އާއިލާ ވެސް ލިވަޕޫލް ދެކެ އިންތިހާ އަށް ލޯބިވާ ކަމަށެވެ. އެކަން ފާހަގަކޮށް ޞަލާޙު ބުނެފައި ވަނީ އޭނާ އެ ކުލަބުގައި ހުންނަން ވެސް ކޮންމެ ވެސް މީހަކު ބޭނުން ނުވާ ކަމަށެވެ. އެ ކަންބޮޑުވުން ފާޅު ކުރަމުން ޞަލާޙު ބުނީ، އޭނާ "ބަސް ދަށަށް އެއްލާލައިފި" ކަމަށެވެ.
މީގެ އިތުރުން ޞަލާޙު ބުނީ އެއީ އޭނާ އަށް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ފާއިތުވި މުއްދަތުގެ ތެރޭގައި އޭނާ އަކީ ލިވަޕޫލް އަށް އެތައް ކަމެއް ކޮށްދީފައިވާ ކުޅުންތެރިޔެއް ކަމަށް ފާހަގަކޮށް ޞަލާޙު ބުނީ، އޭނާ ކުލަބުގައި ހުރުމުގެ ޙައްޤު ހޯދާފައި ވަނީ މަސައްކަތުން ކަމަށާއި، ކޮންމެ ދުވަހަކު އެ ޙައްގު ހޯދަން ހަނގުރާމަ ކުރަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް، ޞަލާޙު ބުނީ އޭނާ އަކީ އެއްވެސް މީހަކަށް ވުރެ މާ ބޮޑު މީހެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އޭނާ ދައްކަނީ ފުޓުބޯޅައިގެ ވާހަކަ ކަަމަށާއި، އެއީ އެކަން އޮތް ގޮތް ކަމަށް ޞަލާޙު ވަނީ ފާހަގަ ކޮށްފަ އެވެ.
އުމުރުން މިހާރު 33 އަހަރުގެ ޞަލާޙު އަކީ ލިވަޕޫލްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބު ކުރިއިރު، އެންމެ އިސް ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ ވެސް ޞަލާޙު އެވެ. ސްލޮޓްގެ ފުރަތަމަ ސީޒަނަށް ފަހު، މިހާރު ކުރިއަށްދާ ދެ ވަނަ ސީޒަންގައި އޭނާ ޞަލާޙު އަށް ފުރުސަތު ދެނީ ވަރަށް މަދުންނެވެ/
މިދިޔަ ސީޒަންގައި ޞަލާޙު ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލް އަށް 29 ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް، މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޞަލާޙު ކުޅެފައި ވަނީ 13 މެޗު ކަމަށްވާއިރު، އޭނާ އަށް ޖެހިފައި ވަނީ ހަތަރު ލަނޑެކެވެ. އެންމެ ފަހުން ލީޑްސް ޔުނައިޓެޑުގެ މެޗުގައި ޞަލާޙު ބެންޗުގައި ބޭންދިއިރު، މިއީ ޖެހި ޖެހިގެން ޞަލާޙު ބެންޗުގައި ބޭންދި ތިން ވަނަ މެޗެވެ.
ރޯމާ ދޫކޮށްލުމަށް ފަހު، 2017 ވަނަ އަހަރު ލިވަޕޫލް އަށް ބަދަލުވި ޞަލާޙު ވަނީ ފާއިތުވި މުއްދަތުގައި އެ ކުލަބުގެ ކާމިޔާބީ ތަކުގައި ބޮޑު ހިއްސާއެއް އަދާ ކޮށްފަ އެވެ. ކުރީގެ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޞަލާޙުު ރަނގަޅު ކުޅުމެއް ދައްކަމުން އައިއިރު، ލިވަޕޫލް އަށް އެންމެ ގިނަ ލަނޑު ޖަަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ޞަލާޙު އޮތީ ތިން ވަނައިގަ އެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޞަލާޙު ވަނީ އިތުރު ދެ އަހަރަށް ލިވަޕޫލްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އޭރު ވެސް، ސައުދީ ޕްރޯ ލީގުގެ ކުލަބު ތަކުން އޮތީ ޞަލާޙު އަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އިތުރު ކުލަބު ތަކުން ވެސް އޭނާ ހޯދުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައި ވަނިކޮށް، ޞަލާޙު އައު ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ.
ލީޑްސް ޔުނައިޓެޑުގެ މެޗަށް ފަހު ސްލޮޓް ބުނެފައި ވަނީ، ލިވަޕޫލް އަށް މުހިންމުވީ މެޗު ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އޭރު 3-2 އިން ލިވަޕޫލް ލީޑު ކުރަމުން ދިޔައިރު، އެ ޓީމަށް އިތުރު ލަނޑެއް އެ ވަގުތު ބޭނުން ނުވި ކަމަށް ސްލޮޓް ބުނެފައިވެ އެވެ.
ލީޑްސް ޔުނައިޓެޑު މެޗުގެ ކުރިން ސްލޮޓް ބުނެފައި ވަނީ ޞަލާޙު ނުކުޅޭތީ މީހުން އެ ވާހަކަ ދައްކާނެ ކަމަށާއި، އެއީ ވަރަށް އާންމު ކަމެއް ކަމަށެވެ. ޚާއްސަކޮށް ހަ އަހަރު ނުވަތަ ހަތް އަހަރު ވަންދެން ލިވަޕޫލްގައި ޞަލާޙު މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ހުރިކަން ފާހަގަކޮށް ސްލޮޓް ބުނީ، އޭނާ އަށް ވެސް ޞަލާޙު އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.
ލިވަޕޫލް އަށް މިހާތަނަށް ކުޅެދީފައިވާ 420 މެޗުގައި ޞަލާޙު ވަނީ 250 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު ޞަލާޙު ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްްޕިއަންސް ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައިވެ އެވެ.