ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަން ކުރައްވައިފި އެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ޝިމާދު ވަކިކުރީކަމެއް ނުވަތަ އިސްތިއުފާދެއްވީ ކަމެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް އަކުން ހާމަ ކުރައްވާފައެއްް ނުވެއެވެ. ފެނަކައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝިމާދު އެ ކުންފުންޏަށް ހިދުމަތްކޮށްދެއްވި މުއްދަތުގައި ދައްކުވައިދެއްވި ލާމަސީލު ނަމޫނާއަށާއި، ތަސައްވުރާއި އަދި ލީޑަރޝިޕަށްޓަކައި ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޝާމް ފުރަތަމަ އައްޔަނުކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުގައި އޭނާ އަދިވެސް ހުންނެވީ އެ މަގާމުގައެވެ.
މީގެ ކުރިން ފެނަކައިގެ ޑިރެކްޓަރުކަން އޭނާ ކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރު، އޭނާވަނީ ފިނޭންސް މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައެވެ. އޭގެ ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އިސް މަގާމެއް ވެސް އަދާކުރެއްވިއެވެ.
ޝާމް އެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން ފެނަކައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝާމް އެ ކުންފުންޏާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.