ޣައްޒާ އިން ފަލަސްތީނު ރައްޔިތުން މަޖުބޫރުން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މަޝްވަރާ ކުރައްވައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ބައްދަލު ވުމުގައި ޣައްޒާ ސްޓްރިޕް އިން އެތައް ހާސް ފަލަސްތީނު ރައްޔިތުން މަޖުބޫރުން ބަދަލުކުރުމަށް އެ ދެ ލީޑަރުންވިދާޅުވަމުން ގެންދަވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ.
އެމެރިކާ އަށް ނަތަންޔާހޫ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޓްރަމްޕް އާ ހޯމަ ދުވަހުގެ ރޭ ވައިޓް ހައުސްގެ ބްލޫ ރޫމްގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ބައްދަލު ކުރެއްވިއެވެ.
މި ބައްދަލުވުން ބޭއްވުނީ 22 މަސްދުވަސް ވެފައިވާ ޣައްޒާގެ ހަނގުރާމަ ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަކަށް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ އެހީތެރި ކަމާއެކު ހުށަހެޅިފައިވާ ހުށަހެޅުން ތަކަކާ ގުޅޭގޮތުން ގަތަރުގައި އިސްރާއީލާއި ހަމާސް ނުސީދާކޮށް ބައްދަލު ކުރަމުންދާ ކަމުގެ ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މި ފަރިއްކޮޅުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން އެހެން ޤައުމުތަކާއެކު ފަލަސްތީނު މީހުންނަށް "ރަނގަޅު މުސްތަޤުބަލެއް" ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އަވައްޓެރި ޤައުމުތަކަށް ބަދަލު ވެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މީހުން ތިބެން ބޭނުންވާ ނަމަ، އެމީހުންނަށް ތިބެވިދާނެ. އެހެން ނަމަވެސް ދާން ބޭނުންވާ ނަމަ، އެމީހުންނަށް ދެވެންވާނެ. އެއީ ޖަލަކަށް ވެގެން ނުވާނެ. އެއީ ހުޅުވާލެވިފައިވާ ތަނަކަށް ވެ، މީހުންނަށް މިނިވަން ކަމާއެކު އިޚްތިޔާރު ކުރަން ދޭންވާނެ،" ނަތަންޔާހޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމެރިކާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން މިދަނީ، އެމެރިކާ އިން އަބަދުވެސް ބުނާ އެއްޗެއް ޙަޤީޤަތަކަށް ހެދުމަށް ބޭނުންވާ ޤައުމުތައް ހޯދުމަށް. އެއީ ފަލަސްތީނު ރައްޔިތުންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމަށް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން މިހާރު ވަނީ އެތައް ޤައުމެއް ހޯދުމާ ކައިރިވެފައި."
މި އަހަރުގެ ކުރީކޮޅު ފަލަސްތީނު މީހުން އެހެން ތަންތަނަށް ބަދަލުކޮށް، ޣައްޒާ ސްޓްރިޕް ހިފާ އެތަން "މެދުއިރުމަތީގެ ރިވިއެރާ އަކަށް" ބަދަލު ކުރުމުގެ ޚިޔާލު ހުށަހަޅުއްވައި، އަދި އެކަމާ ގުޅިގެން ބޮޑު ނުތަނަވަސް ކަމެއް އުފެއްދެވި ޓްރަމްޕް ވިދާޅުވީ، މިކަމުގައި "އަވައްޓެރި ޤައުމުތަކުން" ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
Video: Prime Minister Benjamin Netanyahu welcomed at the White House by US President Donald Trump. pic.twitter.com/bRbCKDGYJ4
— Prime Minister of Israel (@IsraeliPM) July 8, 2025
ޓްރަމްޕް އާއި ނަތަންޔާހޫ ބައްދަލު ކުރެއްވި ވަގުތު، އިސްރާއީލާއި ހަމާސްގެ މަންދޫބުން ގަތަރުގައި ނުސީދާ މަޝްވަރާތަކުގެ ދެވަނަ ދުވަސް ކުރިއަށް ގެންދިޔައެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ އެއް ޢިމާރާތެއްގެ ތަފާތު ކޮޓަރިތަކުގައި ދެ ވަފުދު ތިބެގެންނެވެ.
ހަނގުރާމަ ހުއްޓާލާފައި ބޭއްވުމުގެ 60 ދުވަހުގެ މުއްދަތެއް ދިނުމުގެ ހުށަހެޅުމުގައި ހިމެނެނީ ހަމާސް އިން ހިފަހައްޓާފައިވާ މީހުންނާއި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން މަރުޙަލާ ތަކަކަށް ބަހާލައިގެން ދޫކޮށްލުމާއި، ޣައްޒާގެ ބައެއް ސަރަޙައްދު ތަކުން އިސްރާއީލު ސިފައިން އަނބުރާ ގެނައުމާއި، ހަނގުރާމަ މުޅިން ނިންމާލުމާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.
ނަމަވެސް ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ ނަތީޖާ އެއްގެ ގޮތުން ހަނގުރާމަ މުޅިން ނިމުމަކަށް އަންނާނެތޯ ކުރެވޭ ސުވާލަކީ އަދިވެސް ޚިލާފު އުފެދިފައިވާ ނުކުތާއެކެވެ.
ހަމާސް އިން ބުނެފައިވަނީ އެމީހުން ހިފަހައްޓާފައިވާ އެންމެން ދޫކޮށްލުމަށް ތައްޔާރަށް ތިބިކަމަށެވެ. އެއީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު އެންމެން ދޫކޮށްލައި، އިސްރާއީލުން ޣައްޒާ އިން މުޅިން އަނބުރާ ގެންދިއުމުގެ ބަދަލުގައެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަނގުރާމަ ނިމޭނީ ހަމާސް މުޅިން ބަލިވެ، ހަތިޔާރު ބަހައްޓާ، ޣައްޒާ ދޫކޮށް ދިއުމުން ކަމަށެވެ. ނަމަވެސް މިއީ ފަލަސްތީނު ޖަމާޢަތުން ދެކޮޅުހަދާ ކަމެކެވެ.
އެމެރިކާ އަށް ކުރެއްވި ނަތަންޔާހޫގެ ޒިޔާރަތުގެ ކުރިން، ޓްރަމްޕް ވިދާޅުވެފައިވަނީ މި ހަފްތާގެ ތެރޭގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް ވާސިލުވެވިދާނެ ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވިދާޅުވެފައިވަނީ ފުރިހަމަ ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުމަށް އިންކާރު ކުރައްވާ ކަމަށާއި، އިސްރާއީލުން "އަބަދުވެސް" ޣައްޒާ ސްޓްރިޕްގެ ސަލާމަތީ ބާރު ހިފަހައްޓާނެ ކަމަށެވެ.
ހޯމަ ދުވަހު ގަތަރުގައި ބޭއްވުނު މަޝްވަރާތައް ނިމުނީ އެއްވެސް ކަމެއް ހާމަ ނުކޮށެވެ. މި ހުށަހެޅުންތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް މި ހަފްތާގެ ތެރޭގައި ގަތަރުގައި މަޝްވަރާކުރާ ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
އަންގާރަ ދުވަހު ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް-އަންސާރީ ވިދާޅުވީ މަޝްވަރާތަކަށް "ވަގުތު ބޭނުންވާނެ" ކަމަށެވެ.