އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އަށް ދިން ހަމަލާތަކުގައި 13 މީހަކު ޝަހީދު ކޮށްލައިފަ އެވެ.
އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތަކުގައި ވަނީ 13 މީހަކު ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން ގިނަ ބަޔަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. މި ހަމަލާތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.
އަލް ޝިފާ ހޮސްޕިޓަލް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޓަލް އަލް ހަވާ ސަރަހައްދުގައި ހުރި ގެއަކަށް އިސްރާއީލް އިން ދިން ހަމަލާގައި ކުޑަ ކުއްޖެއްގެ އިތުރުން، ހަތަރު މީހަކު ވަނީ ޝަހީދުވެފަ އެވެ. އަލް އަރަބް ހޮސްޕިޓަލް އިން ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ ޓުއްޕާ ސަރަހައްދަށް ދިން ހަމަލާގައި ދެ މީހަކު ވަނީ ޝަހީދުވެފަ އެވެ.
މީގެ އިތުރުން ދީރު އަލް ބަލާހުގައި ދިން ހަމަލާގައި އެކަކު ޝަހީދުވެފައިވާއިރު، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަލް އަގްޞާ ހޮސްޕިޓަލް އިން ވަނީ ބުނެފަ އެވެ. ހަމައެެހެންމެ ޚާން ޔުނިސްގެ ވެސްޓަން ރަފަހުގެ މަގު މަތީގައި ދިން ޑްރޯން ހަމަލާއެއްގައި އަނިޔާ ލިބުނު ދެ މީހެއްގެ ހަށިގަނޑު ވަނީ ނާސަރ ހޮސްޕިޓަލް އަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން، އަލް މަވާސީ، ޚާން ޔުނިސްގައި ހުރި ޓެންޓަކަށް އަމާޒުކޮށް ދިން ހަމަލާގައި އެއް އާއިލާއެއްގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މި ޓެންތަކީ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ޓެންޓުތަކެވެ.
އިސްރާއީލް އިން އަންނަނީ ޣައްޒާގައި ދެމުން އަންނަ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަކޮށް، ކުށެއް ނެތް އާންމުން ޝަހީދު ކުރަމުންނެވެ.