މިހާރު ދައުލަތުގެ ޕެންޑިން ބިލްސްގެ އަދަދު 13 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ 2024 ވަނަ އަހަރު ނިމުނުއިރު ނުދައްކާ ހުރި ބިލުގެ އަދަދު 7 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، މިހާރު ދައުލަތުގެ ޕެންޑިން ބިލްސްގެ އަދަދު 13 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަަމަށެވެ. އަދި ގިނަ ބިލުތައް ދައުލަތުގެ މާލީ ނިޒާމުގައި އަދި ރިކޯޑްވެސް ނުކުރާ ކަމަށާއި، 10 ބިލިއަން ރުފިޔާގެ ބިލުތައް ބަޖެޓު ނެތިގެން ޕޯސްޓު ނުކޮށް ވެސް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ނަތީޖާއެއް ގޮތުން އިގްތިސާދުގައި ފައިސާ ދައުރުވާ މިންވަރު މީގެ ސަބަބުން ދަނީ ދަށްވަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގައި މުވައްޒަފުން ގިނަ ކުރުމުން ފިސްކަލް އަދި އިގްތިސާދީ ބުރަ ބޮޑުވެފައިވާ ކަމަށެވެ.
މިބޭފުޅުން ސަރުކާރާ ހަވާލުވިއިރު، ފާހަގަކުރަމުންދިޔައީ މިދިޔަ ސަރުކާރުން މިސާލަކަށް ފެނަކަ އާރްޑީސީ ތަންތަނުން ވެސް މުވައްޒަފުން އިތުރު ކުރަމުންދިޔަ ވާހަކަ. އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ ސިޔާސީ މުވައްޒަފުން އޭރު އަޅުގަނޑުމެންގެ ގާތްގަނޑަކަށް 700 އެއްހާ ސިޔާސީ މުވައްޒަފުން ތިބިއިރު މިހާރު 3000އެއްހާ ސިޔާސީ މުވައްޒަފުންނާ އެބަ ގާތް ކުރޭ. ސަރުކާރު ހުރިހާ ކުންފުނިތަކެއްހެން މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އޭރު ސަރުކާރު ބަދަލުވެގެންދިޔައިރު މިންވަރަށް ވުރެ އެތައް ގުނައެއް އިތުރުވެގެންދޭ. އެހެންވީމަ މީގެ ސަބަބުން އަޅުގަނޑުމެންގެ ފިސްކަލް އަދި އިގްތިސާދީ ބުރަ ބޮޑުވެގެން އެބަދޭ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
އަމީރު ވިދާޅުވީ ސަރުކާރުން ތާއީދު ދެމެހެއްޓުމަށް ކުރާ ކަމަކީ މަސައްކަތެއް ނެތަސް ސަރުކާރާއި ސަރުކާރުން ސަބްސިޑީ ދޭ ކުންފުނިތަކުން ވަޒީފާ ދިނުން ކަމަށެވެ. މީގެ ސަބަބުން އިގްތިސާދުގެ ޕްރޮޑަކްޓިވިޓީ ދަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިއީ ރާއްޖެފަދަ އިމްޕޯޓު މުދަލަށް ބަރޯސާވާ ގައުމެއްގައި އިގްތިސާދުގެ އެތެރޭގައި ފައިސާ ދައުރުވާލެއް ކުޑަވާނެ ސިޔާސަތެއް ކަމަށެވެ.