ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)، ޖުލައި މަހުގެ 31 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގޭމިން އަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް އެއް ތަނަކަށް ގެެނެސް، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރު ދައްކާލުމަށް ދިރާގުން ފަހި ކޮށްދިނުމަށް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.
މި ގޭމިން ކޮންކުއެސްޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގަ އެވެ. މި ގޭމިން ކޮންކުއެސްޓުގައި ޕަބްޖީގެ އިތުރުން މޯބައިލް ލެޖެންޑްސް، ބޭން ބޭން، ރޮކެޓު ލީގު އަދި އެފްސީ 25 ވެސް ހިމެނެ އެވެ. މީގެ ތެރެއިން ރޮކެޓު ލީގު އަދި އެފްސީ 25 މިއީ މި ފަހަރު އަލަށް ތައާރަފު ކޮށްފައިވާ ގޭމެކެވެ.
މި ގޭމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގޭމަކަށް ވަކިން ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ މުބާރާތް ކުރިއަށް ގެންދ ގޮތަށެވެ. މީގެ ތެރެއިން ރޮކެޓު ލީގުގައި 2V2 މެޗު ތަކުގައި ބައިވެރިވެވޭނެ އެވެ. އަދި ޕަބްޖީ މޯބައިލް ކޮލިފައި ކުރިއަށް ގެންދަނީ ގަފަ 16 ގެ ވާދަވެރިކަން ވެސް ހިމެނޭ ގޮތުންނެވެ. ޕަބްޖީގެ ފައިނަލް އޮންނާނީ އެންމެ ގަދަ ހަތް ޓީމުގެ ދެމެދުގައި ކުރިއަށް ގެންދާ އުސޫލުންނެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ގެންދަނީ އީ ސްޕޯޓްސް ކުރިއެރުވުމަށް ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީ ސްޕޯޓްސް ކުރިއެރުވުމަށް ގިނަ ޙަރަކާތްތަކެއް ހިންގަ އެވެ.