ރިޒާވުން ފައިސާ ނަގައިގެން ރަސްމާލެ ހިއްގުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނަމަ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ރަސްމީ ރިޒާވުން ރަސްމާލެ ހިއްކުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް މާލީ ވަޒީރަށް އަންގާފައިވާ ކަމަށާއި، ރަސްމާލެ ކުންފުނިން 500 މިލިއަން ޑޮލަރުގެ ދަރަނި ނެގުމަށް އެންގި ކަމަށެވެ. ނަމަވެސް މިފައިސާ ހޯދާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރަސްމީ ރިޒާވު ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. މީގެ ސަބަބުން ތެލާއި، ކާބޯތަކެތި އިމްޕޯޓުކުރަން ދަތި ހާލަތެއް މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ އެމްއެމްއޭގައި މިނިވަންކަމެއް ނެތް ކަމަށާއި، ސަރުކާރު ބޭނުންވާ ގޮތަކަށް އެ އޮތޯރިޓީ ހިންގަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނަމަ އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.
އެމްއެމްއޭ ގަވަރުނަރަށް ވެސް އަދި މުވައްޒަފުންނަށް ވެސް އެނގޭނެ ރަސްމާލެ ކުންފުންޏަކަށް އަދި އެމްއެމްއޭއިން އެ ލޯނު އެގޮތަށް ދިނަސް ފަހުން އެއަދާ ނުކުރެވޭނެކަން. އެހެންވީމަ އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިހާރު މިއޮތް ސެންޓަރަލް ބޭންކު ޕޮލިސީ ވަރަށް ބޮޑަށް މިދަނީ ސަރުކާރުގެ ނުފޫޒުން ސަރުކާރުން ބޭނުންވާ ގޮތަކަށް އެމްއެމްއޭ ހިންގާތަން އަޅުގަނޑުމެންނަށް މިފެނިގެންދަނީ. އަޅުގަނޑު ހަމަގޮވާލަނީ އިންޑެޕެންޑެންޓުކޮށް ނޫނީ މިނިވަން ގޮތަކަށް އެމްއެމްއޭގެ ގަވަރުނަރަށް މަސައްކަތް ނުކުރެވޭނަމަ މިހާރުން މިހާރަށް އިސްތިއުފާދޭން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު![]()
މީގެ އިތުރުން އަމީރު ވަނީ އެމްއޭސީއެލުން 200 މިލިއަން ޑޮލަރު، އސްޓީއޯއިން 100 މިލިއަން ޑޮލަރު އަދި ރަސްމާލެ ކުންފުނިން 300 މިލިއަން ޑޮލަރު ހޯދާނެ ގޮތަކާ މެދު ސުވާލު އުފައްދާފައެވެ.
މިހާރު ޔޫސެބަލް ރިޒާވުން ދޭ ފައިސާ އަނބުރާ ލިބޭކަމުގެ ޔަގީންކަން ނެތްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ މަޝްރޫއެއް ހުއްޓާލާއި، ރަސްމާލެ ހިއްކުން ކުރިއަށް ގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިއީ ރަސްމާލެ ދަށުވެ، ރާއްޖެ ބަނގުރޫޓުވުމާ ދިމާލަށް ދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.