އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާ އެކު، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާާއި، ހަމާސްގެ ފަރާތުން އިސްރާއީލަށް އޮތް ނުރައްކާ ނައްތާލެވޭނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ހޯމަ ދުވަހު ނަތަންޔާހޫ އެ ޤައުމަށް ވަޑައިގަންނަވާނެ އެވެ. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވައި، ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އެ ދަތުރުފުޅުގެ ކުރިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ އިސްރާއީލްގެ ވަފުދަށް، އިސްރާއީލް އިން ޤަބޫލު ކުރާ ޝަރުތުތަކުގެ ދަށުން އެއްބަސްވުމަށް ވާސިލުވުމަށް އިރުޝާދު ދީފައި ވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުން އިސްރާއީލް އިން ބޭނުންވާ ނަތީޖާތައް ޙާސިލު ކުރުމަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކަމުގައި ޓްރަމްޕް ކުރައްވާ މަސައްކަތާ އެކު، ރަނގަޅު މިސްރާބަކަށް ވާސިލު ވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ހަމާސް ބަލި ކުރަން ބޭނުންވާ ކަމަށާއި، ހަމާސް ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގައި އެމެރިކާގެ އެހީތެރިކަން ހޯދުމަށް ޓްރަމްޕްގެ އަރިހުން ނަތަންޔާހޫ އެދިވަޑައިގަންނަވާނެ ކަމަށް ވެސް އޭރު ރިޕޯޓު ކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް އިސްރާއީލް އިން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރި ނަމަވެސް، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާ އަށް އަލުން ހަމަލާތައް ދޭން ފަށައިފަ އެވެ.
ހޯމަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުފުޅަކީ، އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން މިއަހަރުގެ ތެރޭގައި ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އެމެރިކާ އަކީ އިސްރާއީލް އަށް އެންމެ ބޮޑަށް އެއްބާރުލުން ދެމުން އަންނަ ޤައުމެވެ.