Advertisement
ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 11:50
ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދު
ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދު
ގޫގުލް
ގުޅީފަޅު
ގުޅީފަޅުން ދޫކުރާ ގޯއްޗާ އެކު ހަދާ އެއްބަސްވުމުގައި "ނުރައްކާތެރި" ބަދަލުތަކެއް
އަލަށް ހަދާ އެއްބަސްވުމުގައި "މާލެ ސަރަހައްދު" "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" މި ގޮތައް ބަދަލު ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައި
އައު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައި ވާނަމަ ދޫކޮށްލަން ޖެހޭ
މި ގޮތައް އުސޫލު ބަދަލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އިން ބުނޭ
f

ގުޅީފަޅުން ދޫކޮށްފައިވާ ގޯތީގެ އައު ރަޖިސްޓަރީ އާއި އެކު ދޫކުރާ އެއްބަސްވުމުގައި "ނުރައްކާތެރި" ބަދަލުތަކެއް ހިމަނާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ކުރީ ސަރުކާރުން ދޫކުރި ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލު ކުރުމަށް ފަހު، މި ސަރުކާރުން އައު ރަޖިސްޓަރީ އާއި "ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރަން ފަށާއިރު، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މުހިންމު ކަންތައްތަކެއް މިހާރު ބަދަލު ކޮށްފައިވާ ކަން ވަނީ އެނގިފައެވެ.

26 ޖޫން 2022 ގައި ކުރީ ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގެ 3 ވަނަ މާއްދާގެ (ނ) ގައި މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރެޖިސްޓަރީ ވެފައި ނެތުން" ހިމެނެއެވެ.

އަދި (ރ) ގައި "މާލެ، ހުޅުމާލެ، ވިލިނގިލި) ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީ ވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއް ގޮތައް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި" ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން ކުރިން ހެދި އެއްބަސްވުމުގެ 2 ވަނަ މާއްދާ އާއި 3 ވަނަ މާއްދާގައި އޮންނަނީ "މާލެ ސަރަހައްދުން" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯއްޗެއްގެ އެއްމެދު މިލްކުވެރިންނަށް ބަދަލަކާ ނުލައި ދޫކޮށްލަން އެއްބަސްވާ ކަމަށާއި، ގޯތި ލިބޭ ފަރާތަށް ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބައި ވާރިސުންނަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އިތުރު ވާރިސެއް ނެތް ނަމަ ދައުލަތައް އެ ބައެެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް، މި ނޫހަށް ކޮޕީ ލިބިފައިވާ އަލަށް ހަދާ އެއްބަސްވުމުގެ 2 ވަނަ އަދި 3 ވަނަ ނަންބަރަށް ބަލާއިރު "މާލެ ސަރަހައްދު" "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" މި ގޮތައް ބަދަލު ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެ ގޮތުން މި ގެނައި ބަދަލާ އެކު ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށާއި، އަދި ގޯތީގެ އިތުރު އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތައް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު ވިދާޅުވީ، މި ބަދަލުތައް އެ ޖަމްއިއްޔާގެ ސަމާލު ކަމަށް ވެސް އައިސްފައިވާ ކަމަށާއި، މިއީ "ވަރަށް ނުރައްކާތެރި" އަދި "ސިއްރުން" ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމުގައި އެ ބަދަލުތައް ގެނެސްފައިވާ ޑޮކިއުމެންޓްގެ ކޮޕީ އެއް އާދިއްތަ ވިލޭރޭ ލިބިފައިވާ ކަމަށާއި، އެ ބަދަލުތަކަކީ ހަގީގަތެއް ނަމަ އެއީ އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއް ނެތި "އޮޅުވާލުމެއް" ގެ ތެރޭގައި ގެނެސްފައިވާ ބަދަލު ތަކެއް ކަމަށެވެ.

އިތުރަށް ޝަމްއާން ވިދާޅުވީ، މި ގޮތައް މިނިސްޓްރީ އަށް އުސޫލު ބަދަލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އަލުން ހަދާކަމަށް ބުނާ އެއްބަސްވުމުގެ ޑްރާފްޓް ލިބެނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހަދާ އެޕޮއިންޓްމަންޓް ލިބޭ ފަރާތްތަކަށް ކަމަށް އިވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެޕޮއިޓްމަންޓަށް އެދޭ ވަރަށް ގިނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ޕޯޓަލުން ފެންނަން ނުހުންނަ ކަމުގެ ޝަކުވާ ލިބިފައވާ ކަމަށެވެ.

- ކޮމެންޓް