Advertisement
ކ. މާލެ
|
5 ޖުލައި 2025 | ހޮނިހިރު 21:58
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް
ހައި ކޯޓް
ދަރިވަރުން ރިޕީޓްކުރަން މަޖުބޫރުވުން
ޕޮލިސީއަށް ކުއްލިއަކަށް ގެނައި ބަދަލާއި އެކު ރިޕީޓްކުރަން މަޖުބޫރުވި ކުއްޖަކު، ޕްރޮމޯޓް ކުރުމަށް ވަގުތީ އަމުރެއް
އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމުގެ ސަބަބުން ބައެއް ދަރިވަރުން ރިޕީޓް ކުރަން މަޖުބޫރު ވެފައިވާތީ ބެލެނިވެރިން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ
"ފްލަޑް ގޭޓްއެއް" ހުޅުވިދާނެ ކަމަށް ބުނެ މިނިސްޓްރީން ވަނީ ނިންމުން ބަދަލު ނުކުރަން، ނުވަތަ އިސްތިސްނާ ހާލަތެއް ވެސް ނުބޭއްވުމަށް ނިންމާފަ
f

މިދިޔަ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ޕޮލިސީ އަށް ގެނައި ބަދަލާއި ގުޅިގެން، ރިޕީޓް ކުރަން މަޖުބޫރި އެއް ދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެޑއިކޭޝަނުން ނެރުނު ސާކިއުލާގައި ހަމަ ނުޖެހޭ ކަންކަން ހުރުމުން އެކަމާއި މެދު ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގައި ކިޔަވާ ދަރިވަރުންނަށް ގްރޭޑް ރިޕީޓް ކުރަން މަޖުބޫރުވި އިރު އަތޮޅުތަކުގައި ބައެއް ދަރިވަރުންނަށް ރިޕީޓްކުރަން ފުރުސަތު ނުދިނުން ފަދަ ތަފާތުކުރުންތައް ގެންގުޅުމުގެ މައްސަލަ ބެލެނިވެރިން ވަނީ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން 2025 ވަނަ އަހަރު އެލްކޭގައި އުޅޭނީ މިދިޔަ އަހަރު ޑިސެމްބަރަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން ކަމަށް ކަނޑައެޅި އިރު އެ ނިންމުމުގެ ސަބަބުން އެލްކޭގައި ބައެއް ދަރިވަރުން ރިޕީޓް ކުރުމަށް މަޖުބޫރުވިއެވެ. އެ ބެލެނިވެރިން ވަނީ އެއް ގްރޭޑެއްގައި ތުއްތު އުމުރުގައި ކުދިން ރިޕީޓް ކުރަން ޖެހުމުން އެކަމާއި މެދު ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް އެ ނިންމުންތަކަށް އެޑިއުކޭޝަނުން އިޖާބަދީފަ އެއް ނުވެއެވެ.

އެ ނިންމުމާއި ގުޅިގެން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީއަށް ޕްރޮމޯޓް ނުކޮށް ޕްލޭ ސްކޫލް ރިޕީޓްކުރި މައްސަލައިގައި އެ ދަރިވަރުގެ ބެލެނިވެރިޔާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓުގެ ވަގުތީ އަމުރު ނެރެދިނީ މި މައްސަލަ އާއި ގުޅިގެންނެވެ.

އެ ދަރިވަރަކީ ތޫނުފިލިކަން ހުރި ދަރިވަރަކަށް ވެފައި އޭނާގެ ދުޅަހެޔޮ ކަމަށް އެކަމުން އަސަރުކުރާކަން އެނގޭނެ ފަދަ ލިޔުންތައް ކަމާއި ގުޅުން ހުރި ފަރާތްތަކުގެ އަލީގައި ހުށަހެޅި ނަމަވެސް އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރިއާޔަތްކޮށްފައި ނުވާ ކަމަށް އެ ކުއްޖާގެ ބެލެނިވެރިން ފާހަގަކުރެއެވެ.

އެހެންކަމަށް ވާއިރު އެޑިއުކޭޝަންގެ ސާކިއުލާ ހާމަ ކުރުމުގެ ކުރިން ޕްލޭ ސްކޫލަށް ވައްދައި ކިޔަވަމުން އައި ދަރިވަރުގެ ސްކޫލުން ބޭބީ ނާސަރީއަށް މި އަހަރު ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީފައި ނުވާތީ އެކަމާއި މެދު ކުއްޖާގެ ބެލެނިވެރިޔާ ވަނީ ތަކުރާރުކޮށް އަޑު އުފުލާފައެވެ. ޚާއްސަކޮށް ކިޔަވާ ނިމިފައިވާ ގްރޭޑެއްގައި ކުއްޖާ ރިޕީޓް ކުރަން މަޖުބޫރުވެރިވާ ފަދަ ހާލަތެއް މެދުވެރިވާތީ އެކަން ތަކުރާރުކޮށް އެ ވުޒާރާގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ވެ އެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިގެން ހައްލު ނުލިބުމުން ދައުލަތާ ދެކޮޅަށް ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ މިނިސްޓްރީން ނެރުނު ސާކިއުލާ އަކީ އެ ވުޒާރަށް އަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލައިވާ އުސޫލަކަށް ވާތީ އެ ކަމަށް އަމުރުކުރެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފްކޮށްފައި ވަނީ އެ ދައުވާގެ ހުކުމް ކުރުމާ ހަމައަށް ދަރިފުޅަށް އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ އަމުރަކަށް އެދިފައެވެ. މި މައްސަލަ އިސްތިއުނާފްކުރި އިރު މިހާރުވެސް ކުއްޖާ އަށް ލިބެމުންދާ ގެއްލުންތައް ވަނީ ފާހަގަކޮށްފައެވެ.

އަދި މި މައްސަލަ ނިމެންދެން އެ ދަރުވަރު ނާސަރީގައި ބަހައްޓައިފި ނަމަ ހައި ކޯޓުން މައްސަލައިގައި ހުކުމަކާ ހަމަޔަށް ދާއިރު ހުކުމް ތަންފިޒް ކުރާނެ ހާލަތެއް ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މިއީ ދިރާސީ އަހަރު ފެށުނު އިރު ހުށަހެޅި މައްސަލައަކަށް ވުމާއި އެކު މައްސަލަ ދިގުދެމިގެންދާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ބުނާ ދަރިވަރަކީ 2023-2024 ވަނަ އަހަރު ދިރާސީ އަހަރަށް އުސޫލާއި އެއްގޮތަށް ވައްދާ އެ ގްރޭޑްގައި ކިޔަވާ ނިންމާފައިވާ ދަރިވަރެކެވެ. އެހެންނަމަވެސް އެ ކުއްޖާ ނާސަރީގައި ރިޕީޓްކުރީ އޭގެ ފަހުން ނެރުނު، 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސާކިއުލާ އާއި އެއްގޮތަށެވެ. ކުއްޖާ ރިޕީޓްކުރަން މަޖުބޫރުވި ސަބަބަކީ އެއީއެވެ.

މިއީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް އެ ދައުވާ ކުރާ ފަރާތުން ވަނީ ބުނެފައެވެ. މި މައްސަލައިގައި އަދި ނާސަރީ އާއި އެލްކޭޖީގައި ކިޔެވުމުގެ ފެންވަރު ދަރިވަރުގެ ހުރިކަން ހާމަކޮށްދިނުމަށް ޝަރީއަތަށް ވަނީ ލިޔެކިޔުންތައް ވެސް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުއްޖާ 9 މަހުން ފެށިގެން ބަަލަމުން އަންނަ ޑޮކްޓަރުގެ ކްލިނިކަލް ނޯޓްސް ހިމެނެއެވެ. އެއިން އެނގޭ ގޮތުން މި ކުއްޖާ އަކީ އެހެން ކުދިންނަށް ވުރެ އަވަހަށް ހެދިބޮޑުވާ ތޫނުފިލި ކުއްޖެކެވެ.

މި މައްސަލައިގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު ދައުލަތުން ގަބޫލުކުރާ ގޮތުގައި މިއީ ވަގުތީ އަމުރެއް ނެރެން ޖެހޭ މައްސަލަ އެއް ނޫނެވެ. އަދި ދަރިވަރުން އެލްކޭޖީއަށް ވައްދަނީ އެސެސްމަންޓްއަކަށް ބިނާކޮށް ނޫން ކަމަށާއި އެކަން ކުރަނީ ކުއްޖާގެ އުމުރަށް ބެލުމަށް ފަހުގައި ކަމަށް ބުނެފައިވެއެވެ، އަދި މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ "ފްލަޑް ގޭޓްއެއް" ހުޅުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމުގެ ސަބަބުން ބައެއް ދަރިވަރުން ރިޕީޓް ކުރަން މަޖުބޫރު ވެފައިވާތީ ބެލެނިވެރިން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް "ފްލަޑް ގޭޓްއެއް" ހުޅުވިދާނެ ކަމަށް ބުނެ މިނިސްޓްރީން ވަނީ ނިންމުން ބަދަލު ނުކުރަން، ނުވަތަ އިސްތިސްނާ ހާލަތެއް ވެސް ނުބޭއްވުމަށް ނިންމާފައެވެ.

- ކޮމެންޓް