ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން، އެމެރިކާ އަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވައިފ އެވެ.
މިދިޔަ ހަފުތާގައި ސައުދީގެ ޑިފެންސް މިނިސްޓަރު އެމެރިކާ އަށް ވަޑައިގެންފައިވާއިރު، އެއީ ވަރަށް "ސިއްރުން" ކުރައްވާފައިވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ސައުދީގެ ސަރުކާރުން އަދި އެމެރިކާގެ ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަލް އަރަބިއްޔާ އަށް ބުނެފައި ވަނީ، ޕްރިންސް ޚާލިދު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވްް ވިކޮޓްފްއާ ވެސް ވަކި ވަކިން ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުން ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން، އަދި އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީގެ އިތުރުން އެމެރިކާ އާއި ސައުދީއާ ދެމެދު ޤާއިމު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ދިފާއީ އެއްބަސްވުމާ ގުޅޭ ގޮތުން، ޕްރިންސް ޚާލިދު ވަނީ ހެގްސެތާ މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ހަމަ އެހެންމެ މެދު އިރުމަތީގެ ހަމަ ޖެހުން ދެމެހެއްޓުމަށާއިި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށްޓަކައި ސައުދީ އަރަބިއްޔާ އިން ޑިޕްލޮމެޓިކް މަސައްކަތްތަކެއް އިތުރު ކުރާނެ ކަމަށް ޕްރިސް ޚާލިދު ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ އިސްވެރިންނާ އެކު ވެސް ބައްދަލުވުންތައް ބާއްވައިފަ އެވެ.