ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އާދެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ ފަރާތުން ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެ އެއްބަސްވުމުގައި ވަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށެވެ. އެކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ އޮފިޝަލުން ވަނީ އިސްރާއީލް ސަރުކާރާގެ އޮފިޝަލުންނާ އެކު މަޝްވަރާ ވެސް ކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އެއްބަސްވުމަށް ހަމާސް އިން އިޖާބަދީފައިވާ ގޮތާ މެެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. ހަމާސް އިން ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފަ އެވެ.
އެއާ ފޯސް ވަން އަށް އަރައިވަޑައިގެންެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އާދެވިދާނެ ކަމަށާއި، އެކަމުގައި ބޮޑު އުންމީދެއް އޮތް ކަމަށެވެ. އެހެން ނަމަވެސް، މިހާރު މަޝްވަރާތައް ކުރިއަށް ދާ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި ލިބިވަޑައި ނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ޓްރަމްްޕް ވިދާޅުވީ ޣައްޒާ ހަނގުރާމަ އަށް ކޮންމެ ވެސް ގޮތެއް ހަދަން ޖެހޭ ކަމަށާއި، އެކަމުގައި ޙައްލެއް ބޭނުންވާ ކަމަށެވެ. މިހާރު ވެސް އެމެރިކާގެ ފަރާތުން އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރަމުން އަންނަ ކަމަށާއި، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އެމެރިކާ އިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ދަތުރުފުޅާ ދިމާކޮށެވެ. އެގޮތުން ހޯމަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެން، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހަައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި ވެސް ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި އެ ޤައުމުން އަމާޒު ހިފާފައި ވަނީ ހަމާސް ޖަމާއަތް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދިޔުމަށެެވެ. އަދި ހަމާސް ޖަމާއަތް ބަލި ކުރެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ނަތަންޔާހޫ ވެސް ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންގެ މައްސަލައިގައި ނަތަންޔާހޫ އަށް އަންނަނީ އިންތިހާ އަށް ޕްރެޝަރު ބޮޑުވަމުންނެވެ. އޭގެ ފަހުން ނަތަންޔާހޫ ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްހެ ރަހީނުން މިނިވަންކޮށް، އަނބުރާ ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.