އެމެރިކާ މެދުވެރިވެގެން ހުށަހަޅާފައިވާ، އިސްރާއީލާއި ހަމާސްއާ ދެމެދު 60 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ ހުށަހެޅުމުގައި، ހަމާސް އިން ރަހީނުން ދޫކޮށްލާނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
މި އައު ހުށަހެޅުމާ ބެހޭ މައުލޫމާތު ލިބިފައިވާ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ، އެއްބަސްވުމުގެ ދަށުން ޣައްޒާގެ ބައެއް ސަރަހައްދު ތަކުން އިސްރާއީލު ސިފައިން އަނބުރާ ގެންދިއުމާއި، މި ހަނގުރާމަ ދާއިމީ ކޮށް ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާ ކުރުން ހިމެނޭ ކަމަށެވެ.
މި ޕްލޭނަށް އަމަލު ކުރަން ފެށޭނީ ހަނގުރާމައިގައި ހިމެނޭ ދެފަރާތުން ވެސް އެއްބަސް ވެގެން ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އެމެރިކާ، ގަތަރު އަދި މިސްރުގެ މެދުވެރިން މިހާރު ގެންދަނީ މި އެއްބަސްވުމަށް ވާސިލުވުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ރޮއިޓާސް އިން ހާމަ ކޮށްފައިވާ ތަފްސީލު ތަކުގައިވާ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގައި ހުށަހަޅާފައިވަނީ:
ރަހީނުންނާއި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުން:
މި ގޮތުން އެއްބަސްވުމުގެ ދަށުން 10 ރަހީނުން ދޫކޮށްލެވޭނެއެވެ. އަދި އިތުރު 18 ރަހީނުންގެ ހަށިގަނޑު ހަވާލު ކުރެވޭނެއެވެ.
މިކަން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ:
ފުރަތަމަ ދުވަސް: 8 ރަހީނުން
7 ވަނަ ދުވަސް: 5 ހަށިގަނޑު
30 ވަނަ ދުވަސް: 5 ހަށިގަނޑު
50 ވަނަ ދުވަސް: 2 ރަހީނުން
60 ވަނަ ދުވަސް: 8 ހަށިގަނޑު
ރަހީނުންނާއި މަރުވެފައިވާ ރަހީނުންގެ ހަށިތައް ހަވާލު ކުރުން ކުރި އަށް ދާނީ ކުރިއާ ޚިލާފަށް އެއްވެސް ރަސްމިއްޔާތެއް ނުވަތަ ޕެރޭޑެއް ބޭއްވުމަކާ ނުލައެވެ.
10 ވަނަ ދުވަހު، ހަމާސް އިން ބާކީ ތިބި ރަހީނުން ދިރިތިބި ކަން ނުވަތަ މަރުވެފައިވާ ކަން ކަށަވަރުކޮށްދޭ މަޢުލޫމާތާއި ހެކި، އަދި މެޑިކަލް ރިޕޯޓުތައް ފޯރުކޮށްދޭން ޖެހެއެވެ. އޭގެ ބަދަލުގައި އިސްރާއީލުން ދޭނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން ބަންދު ކޮށްފައިވާ ޣައްޒާގެ ފަލަސްތީނުގެ ގައިދީންނާ ބެހޭ ފުރިހަމަ މަޢުލޫމާތެވެ.
ހަމާސް އިން ރަހީނުން ދޫކޮށްލާނީ އިސްރާއީލުން ފަލަސްތީނު ގައިދީން ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައެވެ.
އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާ ގައި ހިފަހައްޓާފައިވާ 50 ރަހީނުންގެ ތެރެއިން 20 މީހުން ދިރިތިބި ކަމަށް ލަފާކުރެވެއެވެ.
ފަލަސްތީނުންނަށް އެހީ:
19 ޖަނަވަރީގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް، ޣައްޒާ އަށް އެކަށީގެންވާ މިންވަރަކަށް އެހީ ވަގުތުން ވަންނާނެއެވެ. މިކަމުގައި އދ އާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް ބައިވެރިވާނެ އެވެ.
އިސްރާއީލީ ސިފައިން އަނބުރާ ގެންދިއުން:
ފުރަތަމަ ދުވަހު، 8 ރަހީނުން ދޫކޮށްލުމާ އެކު، އިސްރާއީލު ސިފައިން އުތުރު ޣައްޒާގެ ބައެއް ސަރަހައްދު ތަކުން އަނބުރާ ގެންދާނެއެވެ. މިކަން ކުރާނީ އެއްބަސްވެވޭ ތާވަލާ އެއްގޮތަށެވެ.
7 ވަނަ ދުވަހު، 5 ހަށިގަނޑު ލިބުމަށްފަހު، އިސްރާއީލު ސިފައިން ދެކުނުގެ ބައެއް ސަރަހައްދު ތަކުން އަނބުރާ ގެންދާނެއެވެ. މިކަންވެސް ކުރާނީ އެއްބަސްވެވޭ ތާވަލާ އެއްގޮތަށެވެ.
ސިފައިން އަނބުރާ ގެންދާނެ ސަރަހައްދު ކަނޑައެޅުމަށް ޓެކްނިކަލް ޓީމެއް މަސައްކަތް ކުރާނެއެވެ. މިކަން ކުރާނީ މި ހުށަހެޅުމުގެ އޮނިގަނޑަށް އެއްބަސް ވުމަށްފަހު ކުރެވޭ އަވަސް މަޝްވަރާ ތަކުގައެވެ.
ދާއިމީ ހަނގުރާމަ ހުއްޓުވުމާ ބެހޭ މަޝްވަރާތައް:
އެއްބަސްވުމުގެ ފުރަތަމަ ދުވަހު، ދާއިމީ ހަނގުރާމަ ހުއްޓުވުމާ ބެހޭ މަޝްވަރާތައް ފެށޭނެއެވެ. މީގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
ބާކީ ތިބި ގައިދީން ބަދަލުކުރުން
ޣައްޒާގެ ދިގު މުއްދަތުގެ ސަލާމަތީ އިންތިޒާމުތައް
ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އިޢުލާން ކުރުން
އެއްބަސްވުމަކަށް ވާސިލުވެއްޖެނަމަ، 7 އޮކްޓޯބަރު 2023 އިން ފެށިގެން ބަންދު ކޮށްފައިވާ ޣައްޒާ ގެ ހުރިހާ ފަލަސްތީނު ގައިދީން ދޫކޮށްލެވޭނެއެވެ.
ޔަގީންކަން:
މި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮމިޓްވެވަޑައިގަންނާވާ ކަމުގެ ޔަގީންކަން ދެއެވެ. 60 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތުގެ ތެރޭގައި ކުރެވޭ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، އެކަމުގެ ސަބަބުން ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެއެވެ.
މެދުވެރިން ޔަގީންކަން ދޭނީ މި މުއްދަތުގައި ސީރިއަސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އިތުރު ވަގުތު ބޭނުންވެއްޖެނަމަ، އެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.