ކ. މާލެ
|
4 ޖުލައި 2025 | ހުކުރު 06:55
އަފްޣާނިސްތާނުގައި ހުންނަވާ ރަޝިޔާގެ ސަފީރު ޑިމިޓްރީ ޒިންރޯވް، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ އާ ބައްދަލުކުރައްވަނީ - އޭޕްރީލް، 2025
އަފްޣާނިސްތާނުގައި ހުންނަވާ ރަޝިޔާގެ ސަފީރު ޑިމިޓްރީ ޒިންރޯވް، އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ އާ ބައްދަލުކުރައްވަނީ - އޭޕްރީލް، 2025
އޭއެފްޕީ
އަފްޣާނިސްތާން
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
އޭޕްރީލް މަހު ރަޝިޔާގެ ސުޕްރީމް ކޯޓުން ވަނީ ތާލިބާން ޖަމާޢަތުގެ "ޓެރަރިސްޓް" ލޭބަލް އުވާލާފައި، އަދި މޮސްކޯ ގެ މި ނިންމުމަކީ ސަރަޙައްދީ ނުފޫޒު އިތުރުކުރުމަށް ނިންމި ނިންމުމެއް ކަމަށް ބެލޭ
f

އަފްޣާނިސްތާނުގެ ޠާލިބާނުންގެ ސަރުކާރު ބަލައިގައިގަތް ފުރަތަމަ ޤައުމަށް ރަޝިޔާ ވެއްޖެއެވެ.

މި ނިންމުމާއެކު ރަޝިޔާ އިން ވަނީ އަފްޣާނިސްތާނުން ރަޝިޔާ އަށް ކަނޑައެޅި އައު ސަފީރުގެ ފަތްކޮޅު ބަލައިގަނެފައެވެ.

މިއީ މީގެ 4 އަހަރު ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު ވެރިކަމާ އަމިއްލަ އަށް ހަވާލުވި ޠާލިބާނުންގެ ވެރިންނާ އެކު ރަޙްމަތްތެރި ކަމުގެ ގުޅުން ބަދަހި ކުރުމަށް ރަޝިޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާނުގެ ސަރުކާރު ރަސްމީ ކޮށް ބަލައި ގަތުމަށް ނިންމުމުން އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާ ތަކުން ފައިދާ ހުރި ގުޅުންތައް ކުރިއެރުވުމަށް ބާރު ލިބިގެންދާނެއެވެ،" ބުރާސްފަތި ދުވަހު ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވެއެވެ.

"މި ހިތްވަރުގަދަ ނިންމުމަކީ އެހެން ފަރާތްތަކަށް މިސާލަކަށް ވާނެ ކަމެކެވެ،" އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތަޤީ ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ވޮޝިންގްޓަނުން ވަރަށް ގާތުން ބަލަމުންދާނެ ކަމެއް ކަމުގައި މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާ އިން ވަނީ އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ އެތައް ބިލިއަން ޑޮލަރު ހިފަހައްޓާފައެވެ. އަދި ޠާލިބާނުންގެ އިސް ލީޑަރުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށްފައި ވެއެވެ.

އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ބޭންކިންގ ސެކްޓަރު ބައިނަލްއަޤްވާމީ މާލީ ނިޒާމުން ވަނީ އެކަހެރިވެފައެވެ.

އެ ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އެއީ އެ ޤައުމުގައި އޭރު އޮތް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް އެހީތެރި ވަމުން ދިޔަ އެމެރިކާގެ ސިފައިން އެތަނުން ފައިބައިގެން ދިޔަ ދަނޑިވަޅުގައެވެ.

އެމެރިކާ އިން އަފްޣާނިސްތާނުން ފޭބުން "ނާކާމިޔާބު" ކަމެއްގެ ގޮތުގައި މޮސްކޯ އިން ސިފަ ކުރުމަށް ފަހު، އޭގެ ފަހުން ޠާލިބާނުންގެ ވެރިންނާއެކު ގުޅުން އާދައިގެ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންގޮސްފައިވެއެވެ. އެއީ އެ ޖަމާޢަތަކީ އިޤްތިޞާދީ ބައިވެރިއެއްގެ ގޮތުގައި އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެކުވެރިއެއްގެ ގޮތުގައި ދެކޭތީ ކަމަށް ރަޝިޔާ އިން ބުނެފައި ވެއެވެ.

2022 އަދި 2024 ވަނަ އަހަރު ޠާލިބާނުންގެ ވަފުދެއް ރަޝިޔާގެ އެންމެ މުހިންމު އިޤްތިޞާދީ ކޮންފަރެންސް ކަމުގައިވާ ސެއިންޓް ޕީޓަރސްބަރގް ފޯރަމްގައި ބައިވެރިވިއެވެ. އަދި އެ ޖަމާޢަތުގެ އިސް ޑިޕްލޮމެޓެއް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވްއާ މޮސްކޯ ގައި ބައްދަލު ކުރެއްވިއެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުދާޅުވީ ޠާލިބާނުންނަކީ "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެކުވެރިން" ކަމަށެވެ.

އޭޕްރީލް މަހު ރަޝިޔާގެ ސުޕްރީމް ކޯޓުން އެ ޖަމާޢަތުގެ "ޓެރަރިސްޓް" ލޭބަލް ވަނީ އުވާލާފައެވެ.

ޠާލިބާނުންނާ މެދު މޮސްކޯ އިން ގެންގުޅެމުން އައި ސިޔާސަތު ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

އެ ޖަމާޢަތް އަފްޣާނިސްތާނުގައި އުފެދުނީ 1994 ވަނަ އަހަރު އެވެ. އެއީ 1980 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަނާ ދެކޮޅަށް ހަނގުރާމަ ކުރި، އެމެރިކާގެ އެހީތެރިކަން ލިބުނު މުޖާހިދީން ހިމެނޭ ގޮތަށް އުފެދުނު ޖަމާއަތެކެވެ.

ސޯވިއެޓް-އަފްޣާން ހަނގުރާމައިގެ ނަތީޖާ އަކަށް ވީ މޮސްކޯ އަށް ލިބުނު ވަރަށް ބޮޑު ބަލިކަށި ކަމަކަށެވެ. އެއީ ޔޫއެސްއެސްއާރު ނިމުމަކަށް އައުން އަވަސް ވެގެން ދިޔަ ސަބަބެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ރަޝިޔާ އިން ތާލިބާނުންގެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅީ 2003 ވަނަ އަހަރު އެވެ.

ނަމަވެސް 2021 ވަނަ އަހަރު ޠާލިބާނުން އަލުން ވެރިކަމަށް އައުމާއެކު ރަޝިޔާ އާއި އެ ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވެސް ތާލިބާނުންނާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރަން މަޖުބޫރުވިކަން ފާހަގަ ކުރެވެއެވެ.

ޠާލިބާނުން ވެރިކަމާ ހަވާލުވުމަށް ފަހު ކާބުލްގައި ވިޔަފާރި އާ ބެހޭ އޮފީހެއް ހުޅުވި ފުރަތަމަ ޤައުމަކީ ވެސް ރަޝިޔާއެވެ. އަދި އަފްޣާނިސްތާނަކީ ދެކުނު އޭޝިޔާ އަށް ގޭސް ފޯރުކޮށް ދިނުމުގައި ޓްރާންސިޓް ހަބަކަށް ހެދުމުގެ ޕްލޭނެއް ރަޝިޔާ އިން އިޢުލާނު ކޮށްފައި ވެއެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަކީ އެއްވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ރަސްމީކޮށް ބަލައިގަނެފައިވާ ސަރުކާރެއް ނޫނެވެ. އަދި އދ. އިން އެ އަފްޣާނިސްތާނުގައި އޮތް ތާލިބާން ސަރުކާރަށް މުޚާތަބު ކުރަނީ "ޠާލިބާނުންގެ ޑީ ފެކްޓޯ އޮތޯރިޓީޒް" ގެ ގޮތުގައެވެ.

- ކޮމެންޓް