މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ބުރާސްފަތި ދުވަހު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އިބްރާހިމް ސައީދު، 48، ސުވާސާގެ، ސ. ފޭދޫ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ބުދަ ދުވަހުގައި ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން އެ ދިވެހި މީހާ ރަހީނު ކޮށްފައި ހުރި ތަން ބުރާސްފަތި ދުވަހު ހޯދައި އެތަނަށް ފުލުހުން ގޮސް ރަހީނު ކޮށްފައި ހުރި މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި، އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް
ޕޮލިސް މީޑިއާ![]()
ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް، ބުރާސްފަތި ދުވަހު ހެނދުނު 06:00 ހާއިރު ވެސް ފުލުހުންނަށް ލިބުނެއެވެ. އެ ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ ސަލާމަތް ކުރިއެވެ.
ފުލުހުން ބުނީ އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ.
އެ އެޕާޓްމެންޓަށް ފުލުހުން ވަދެ ބެލިއިރު، ބެލްކަނީ ކައިރީ ބިންމަތީގައި އަނިޔާ ލިބުނު މީހާ އިން ކަމަށާއި އޭނާގެ ބޯ ބާލައިފައި ހުރިއިރު، އިސްތަށިތައް ބިންމަތީގައި ހުރި މަންޒަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ވެސް ކުށުގެ ވެށިން 12 މީހަކު ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމަށް ފަހު އެމީހުން ދޫކޮށްލީއެވެ.
ފުލުހުން ބުނީ އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.