އެމެރިކާ އިން މެދުވެރި ވެގެން ޣައްޒާގެ ހަނގުރާމާ ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވި އެއްބަސްވުމަށް ހަމާސް އިން އެއްބަސްވުމުގެ ކުރިން ބޭނުން ވަނީ އެމެރިކާގެ ހުށަހެޅުމަކީ ހަނގުރާމަ މުޅިން ހުއްޓުމަކަށް ގެންނާނެ އެއްޗެއް ކަމުގެ ޔަގީންކަން ކަމުގައި އެ ޖަމާއަތުން އިން ބުނެފިއެވެ.
ރޮއިޓާސް އަށް ހަމާސްގެ އޮފިޝަލަކު މި ހުށަހެޅުމާ މެދު ދެކޭ ގޮތް ހާމަ ކުރީ ބުރާސްފަތި ދުވަހުއެވެ.
ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އިސްރާއީލުން ބުނަމުން ދާ އިރު އަނެއް ކޮޅުން ޣައްޒާގެ ޞިއްޙީ އެހީތެރިންނާ ހަވާލާދީ ރޮއިޓާސް ނޫސް އޭޖެންސީ ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ހުއްޓުމެއް ނެތި ދަނީ އިތުރުވަމުން ނެވެ.
އިސްރާއީލުން ޣައްޒާ ގައި ކުރިއަށް ގެންދާ ހަނގުރާމަ އަށް 21 މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އިސްރާއީލުގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ހޮސްޓެޖުން މިިނިވަން ކުރުަމަށް އެއް ބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ބިމާއި ވައިގެ ޒަރީއާ އިން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައި ވާއިރު އެ ސަރަޙައްދުގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު މަދުވެގެން 59 މީހުން ޣައްޒާ ގައި މަރުވެފައިވެއެވެ.
އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، 60 ދުވަހުގެ މުއްދަތަކަަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމެއް ހަމާސް އާ އެކު ހެދުމުގެ ޝަރުތުތައް އިސްރާއީލުން ޤަބޫލުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ދެފަރާތުން ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޙަމާސް އާ ގާތް ގުޅުން އޮންނަ ފަރާތަކާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައި ވަނީ، ޙަމާސް އިން އެދެނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވެވޭ އެއްބަސްވުމުގެ ދަށުން ހަނގުރާމަ މުޅިން ނިމުމަކަށް ގެނެވޭނެ ކަމުގެ ސާފު ޔަޤީންކަމެކެވެ. އިސްރާއީލުގެ ދެ އޮފިޝަލަކު ބުނާ ގޮތުގައި މި ތަފްޞީލުތަކުގެ މައްޗަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
ހަނގުރާމަ މުޅިން ނިންމުމަކަށް ގެނައުން ފާހަގަ ވެފައިވަނީ އެއްބަސްވުމަކަށް އައުމުގައި އެންމެ ހައްލު ކުރަން އުނދަގޫ ކަމުގެ ގޮތުގައެވެ.
މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ އެހެން ފަރާތަކުން ރޮއިޓާސް އަށް މައުލޫމާތު ދިން ގޮތުގައި، އިސްރާއީލުން އޮތީ ހުކުރު ދުވަހުގެ ނިޔަލަށް ޙަމާސްގެ ޖަވާބަކަށް އިންތިޒާރު ކޮށްގެންނެވެ. އަދި އެ ޖަވާބު އެދެވޭ ގޮތަކަށް އައިސްފި ނަމަ، އިސްރާއީލުގެ ވަފުދެއް އެއްބަސްވުމުގެ ނުސީދާ މަޝްވަރާތަކުގައި ބައިވެރިވާނެއެވެ. މި މަޝްވަރާތައް ބޭއްވޭނީ މިޞްރުގައި ނުވަތަ ޤަޠަރުގައި ކަން އަދި ސާފެއް ނޫނެވެ. މިއީ، މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ދެ ޤައުމެވެ.
މި ހުށަހެޅުމުގައި ހިމެނެނީ 10 ދިރިތިބި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމާއި މަަރުވެފައިވާ ރަހީނުންގެ އިތުރު 18 މީހެއްގެ ހަށިގަނޑު އަނބުރާ ރައްދުކުރުމެވެ. މީގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު ގައިދީން ދޫކޮށްލެވޭނެއެވެ. މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާގައި ބާކީ ތިބި 50 ރަހީނުންގެ ތެރެއިން 20 މީހުން އަދިވެސް ދިރިތިބި ކަމަށް ޤަބޫލު ކުރެވެއެވެ.
ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އަރިސް އިސް އިސްރާއީލުގެ އޮފިޝަލަކު ބުނާ ގޮތުގައި، ހޯމަ ދުވަހު ބޮޑުވަޒީރު ޓްރަމްޕާ ބައްދަލު ކުރުމަށް ވޮޝިންގްޓަނަށް ދަތުރު ކުރައްވާ އިރުވެސް، ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމެއް ފާސްކުރުމުގެ ތައްޔާރީތައް އިސްރާއީލުން ވަނީ ނިންމާފައެވެ.
2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 57،000 ށް ވަނީ އަރާފައެވެ. އޭގެ އިތުރުން ޣައްޒާގެ އާބާދީގައި ހިމެނޭ 2 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ވަނީ އެއް ފަރަހަަށް ވުރެ ގިނަ ފަހަރު އެމީހުންގެ ގެދޮރުން ނުކުންނަން އިސްރާއީލުން މަޖުބޫރު ކޮށްފައެވެ.