ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި، ބުރާސްފަތި ދުވަހު ވެސް 25 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުތުގައި ބުރާސްފަތި ދުވަހު އިސްރާއީލްގެ ހަމަލާތަކުގައި 25 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގެދޮރުން ނިކުމެ ހިމާޔަތް ހޯދުމަށް ސްކޫލުތަކުގައި އުޅެމުން އައި 12 މީހަކު ވެސް ހިމެނެ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ އޮފިޝަލް، މުޙައްމަދު މުޣައްޔިރު އޭއެފްޕީ އަށް ވިދާޅުވީ އަލް ރިމާމް ސަރަހައްދުގައި ހުރި މުސްޠަފާ ހަފީޒް ސްކޫލަށް އިސްރާއީލް އިން ދިން ވައިގެ ހަމަލާގައި ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި އަންހެނުން ޝަހީދުވެފައިވާ ކަމަށެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހަމަލާގެ އިތުރުން، މެދު ތެރޭގެ ޣައްޒާގައި އިންސާނީ އެހީ ހޯދަން އުޅުނު ބަޔަކަށް އިސްރާއީލްގެ ސިފައިން ދިން ހަމަލާގައި ހަ މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި އާންމުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީ، އެތައް ބަޔަކު ޝަހީދު ކުރަމުން އަންނައިރު، އިސްރާއީލް އިން ބުނަމުން އަންނަނީ އެ މީހުންގެ ހަމަލާތައް އަމާޒު ކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓާލައި، ކުށެއް ނެތް މައުސޫމް ކުޑަ ކުދިންނާއި އަންހެނުން ޝަހީދު ކުރުން ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގޮވާލަމުން އައި ނަމަވެސް، އިސްރާއީލް އިން އަންނަނީ ޣައްޒާގައި ދެމުން އަންނަ ހަމަލާތައް އިތުރަށް ފުޅާ ކުރަމުންނެވެ.
މީގެ އިތުރުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައި ވެސް، އިސްރާއީލް އިން އަންނަނީ އެހީ ބަހާ މަރުކަޒުތަކަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންނެވެ. އަދި އިސްރާއީލް އިން ބުނަމުން އަންނަނީ، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތް މުޅިން ނައްތާލެވެެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.