ކ. މާލެ
|
30 ޖޫން 2025 | ހޯމަ 21:06
ޣައްޒާ ސިޓީގައި، ޖޫން 30، 2025 ގައި އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފުނޑުފުނޑުވި ސްކޫލެއްގައި ހިޔާވަހިކަން ހޯދަމުންދާ މީހުން ހަމަލާ އަށް ފަހު އެ ތަން ބަލަނީ
ޣައްޒާ ސިޓީގައި، ޖޫން 30، 2025 ގައި އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފުނޑުފުނޑުވި ސްކޫލެއްގައި ހިޔާވަހިކަން ހޯދަމުންދާ މީހުން ހަމަލާ އަށް ފަހު އެ ތަން ބަލަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ހޯމަ ދުވަހުު ޣައްޒާ ގައި 58 މީހުން ޝަހީދު ކޮށްލައިފި
ހޯމަ ދުވަހު ހަމަލާތައް ދިން ތަންތަނަކީ މީގެ ކުރިން ވެސް އިސްރާއީލުގެ ސިފައިން އޮޕަރޭޝަންތައް ހިންގާފައިވާ އަދި ބޮޑެތި ގެއްލުންތައް ދީފައިވާ ސަރަޙައްދު ތަކެއް

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާ ގައި ހޯމަ ދުވަހު މަދު ވެގެން 58 މީހުން ޝަހީދު ވެއްޖެއެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި މިއީ ފާއިތުވި ހަފްތާތަކުގައި އެންމެ ބޮޑަށް ބޮން އެޅި ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. އަނިޔާވެރި ބޮޑެތި ހަމަލާ ތަކެއް އިސްރާއީލުން މި ދިނީ ޓްރަމްޕް ގެ ސަރުކާރުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އައު އެއްބަސްވުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލުގެ އިސް ބައެއް އޮފިޝަލުން ވޮޝިންގްޓަނަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނިކޮށްނެވެ.

20 މަސް ދުވަސް ވެފައިވާ މި ހަނގުރާމަ ނިންމާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ގޮވާލެއްވުމަށް އިޖާބަ ދިނުމަށް، ބެންޔަމިން ނަތަންޔާހޫގެ އަރިސް އޮފިޝަލަކު ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ. ވައިޓް ހައުސްގައި ޣައްޒާ ގެ ހަނގުރާމަ ހުއްޓާލުމާއި، އީރާނާއި، އަދި ސަރަޙައްދުގެ އެހެނިހެން މައްސަލަ ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.

މިކަންކަން މިހެން ހިނގަމުން ދިޔަ ނަމަވެސް އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކަށް އެއްވެސް ހެޔޮ ބަދަލެއް އަންނަތަން ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާ ގެ އުތުރު ސަރަޙައްދުގެ ބޮޑު ހިސާބެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަޙައްދުތައް ދޫކޮށް ދިއުމަށް އަމުރު ކުރިއެވެ. މިކަމުގެ ސަބަބުން އިތުރު ބަޔަކު ގޭދޮރު ދޫކޮށް ދާން މަޖުބޫރު ވިއެވެ.

"ގޮވުންތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ. އެމީހުން ސްކޫލުތަކާއި ގެތަކަށް ބޮން އެޅިއެވެ. ބިންހެލުމެއް އައި ކަހަލައެވެ،" ޣައްޒާ ސިޓީގައި ދިރިއުޅޭ 5 ކުދިންގެ ބައްޕަ އެއް ކަމަށްވާ 60 އަހަރުގެ ސަލާޙް ރޮއިޓާސް އަށް ބުންޏެވެ.

"ނޫސްތަކުން އަޅުގަނޑުމެންނަށް އިވެނީ ހަނގުރާމަ ހުއްޓާލުން ގާތްވެފައިވާ ވާހަކައެވެ. އެހެން ނަމަވެސް ބިމުގައި އަޅުގަނޑުމެންނަށް ފެންނަނީ މަރުވެފައިވާ މީހުންނެވެ. އަދި އިވެނީ ގޮވާ އަޑެވެ."

އިސްރާއީލުގެ ޓޭންކުތައް ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގެ އިރުމަތީ ހިސާބުތަކަށް ވަދެ، އުތުރުގެ އެކި ސަރަޙައްދުތަކަށް ބަޑި ޖަހައި، އަދި އޭގެ އިތުރުން ވައިގެ ހަމަލާތަކުގައި މަދުވެގެން 4 ސްކޫލަކަށް ބޮން އެޅިއެވެ. ބޮން އެޅުމުގެ ކުރިން އެ ސްކޫލް އިމާރާތުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ މީހުން އެތަނުން ނުކުތުމަށް އިސްރާއީލުން އަމުރު ކުރިއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 58 މީހުން މަރުވި ކަމަށް ސިއްޙީ އިދާރާ ތަކުން ބުނެއެވެ. މީގެ ތެރޭގައި ޒައިތޫން ސަރަޙައްދުގައި މަރުވި 10 މީހުންނާއި، ޣައްޒާ ސިޓީގެ ދެކުނު ހުޅަނގުގައި މަރުވި މަދުވެގެން 13 މީހުން ހިމެނެއެވެ. ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި މި 13 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ބަޑިޖަހައިގެންނެވެ. އެހެން ނަމަވެސް އެ ސަރަޙައްދުގެ ރައްޔިތުން ބުނާ ގޮތުގައި ވައިގެ ހަމަލާ އެއްވެސް އެ ސަރަޙައްދަށް ދީފައިވެއެވެ.

ޣައްޒާ ސިޓީގެ އައްސޭރިފަށުގައި ހުރި ކެފޭ އަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އެއްގައި އަންހެނުންނާއި، ކުޑަކުދިންނާއި، އަދި ނޫސްވެރިއަކު ހިމެނޭ ގޮތަށް 20 މީހުން މަރުވި ކަމަށް ޞިއްޙީ އިދާރާ ތަކުން ބުނެއެވެ. ފަލަސްތީނުގެ ނޫސްވެރިންގެ ޖަމްޢިއްޔާ އިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި ހަނގުރާމަ ފެށުނީއްސުރެ 220 އަށްވުރެ ގިނަ ނޫސްވެރިން ޣައްޒާ ގައި މަރުވެފައި ވެއެވެ.

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި އެމީހުން ޣައްޒާ ގެ އުތުރުގައި ހުރި ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރުތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި މި ހަމަލާތައް ދިނުމުގައި އާންމު ރައްޔިތުންނަށް ގެއްލުން ލިބުމުގެ ފުރުޞަތު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

ހޯމަ ދުވަހު ހަމަލާތައް ދިން ތަންތަނަކީ މީގެ ކުރިން ވެސް އިސްރާއީލުގެ ސިފައިން އޮޕަރޭޝަންތައް ހިންގާފައިވާ އަދި ބޮޑެތި ގެއްލުންތައް ދީފައިވާ ސަރަޙައްދު ތަކެކެވެ.

- ކޮމެންޓް