ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ.
ރައީސާއި އަނބިކަނބަލުން އިއްޔެ ވަނީ ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. ދެކަނބަލުން އެ ގައުމަށް ވަޑައިގަތީ ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސާއި އަނބިކަނބަލުން ވަނީ ސިންގަޕޫރުގެ ނެޝެނަލް އޯކިޑް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ބަގީޗާގައި އައު 'ހައިބްރިޑް' ބާވަތެގެ އޯކިޑަކަށް ވަނީ 'މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދު'ގެ ނަން ދީފައެވެ.
ރައީސްގެ ދެ ކަނބަލުންގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ސިންގަޕޫރު ބޮޓެނިކް ގާޑެންސްގެ ޑިރެކްޓަރު ޕްރޮފެސާ ޓަން ޕުއޭ ޔޮކް އަދި އެ އިދާރާގެ އިސްވެރިންނާއި ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ. ރަސްމިއްޔާތުގައި ގަހަށް ނަން ދިން ގާޑަން އަށް ޒިޔާރަތްކުރާ އިއްޒަތްތެރިންގެ ފޮތުގައި ރައީސްގެ ދެ ކަނބަލުން ވަނީ ސޮއިކުރައްވާފަ އެވެ.
ރައީސް އޮފީހުން ވަނީ ރައީސާއި އަނބިކަނބަލުން އޯކިޑް ގާޑަންއަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރީންގެ ފޮތުގައި ސޮއިކުރައްފައި ވާކަމަށާއި އެ ދެކަނބަލުންނަށް ގާޑަންގެ ތާރީޚާ ގުޅޭ މަޢުލޫމާތު ދީފައި ވާކަމަށް ބުނެފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރަށްފަހު ރައީސްގެ ދެ ކަނބަލުންނާއި ސަރުކާރުގެ ވަފުދު އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.